ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ، އިބްރާޙިމް ފަލާޙަށް، އޭނާގެ އުފަން ރަށުން ޙޫނު މަރުޙަބާ އެއް ކިޔައިފިއެވެ. މަޖިލިސް އިންތިޚާބާއި ދިމާކޮށް، ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް، ދާއިރާ އަށް ކުރައްވާ މި ދަތުރުގައި އެންމެ ފުރަތަމަވެސް ފަލާޙު ވަޑައިގެންނެވީ، އުފަން ރަށް، އިންނަމާދުއަށެވެ.

ފަލާޙަށް މަރުޙަބާ ދެންނެވުމަށް، އިންނަމާދޫގެ ކުދި ބޮޑު އެންމެން ވަނީ ބަނދަރަށް ނިކުމެފަައެވެ. މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަނީ ފަލާޙެވެ.

އިންނަމާދުއަށް ވަޑައިގެންނެވުމުން، ފަލާޙަށް އޭނާ ގެ އުފަން ރަށުން ކީ ޙޫނު މަރުޙަބާ އާއި ގުޅިގެން "ވަގުުތު" އަށް މަޢުލޫމާތު ދެއްވަމުން، ފަލާޙުގެ ކެމްޕެއިން މެނޭޖަރ، އަޙުމަދު މާހިރު ވިދާޅުވީ، އިނގުރައިދޫ ދާއިރާގެ ތާރީޚުގައިވެސް މިފަދަ ޙޫނު މަރުޙާބާ އެއް އަދި ނުކިޔާ ކަމަށާއި، ފަލާޙުގެ އުފަން ރަށުން ފެނިގެން ދިޔަ މަންޒަރުން، ކުރިއަށް އޮތް އިންތިޚާބުގެ އުންމީދު އިތުރަށް އާލާވެއްޖެ ކަމަށެވެ.

"އަޅުގަނޑަކަށް ދެން ނޭނގެ މީގަ ބުނާނެ އިތުރު އެއްޗެއް. އަޅުގަނޑުމެންނަށް މަންޒަރު ވަރަށް ސާފު. އިދާރަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބު އަޅުގަނޑެމެން ކާމިޔާބު ކުރާނަން. އިރާދަކުރެއްވިއްޔާ ހަމަ ބޮޑު ތަފާތަކުން މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން." މާހިރު ވިދާޅުވިއެވެ.

އެމް.ޕީ ފަލާޙަށް މަރުޙަބާ ކިޔުމުގެ ތެރެއިން

އިތުރަށް ވާހަކަފުޅު ދައްކަވަމުން މާހިރު ވިދާޅުވީ، ވަރަށް އަވަހަކަށް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެ ޖަލްސާ އަކީ ވަރަށް ކުލަގަދަ، ފޯރިގަދަ، އަޑު ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ފަލާޙުގެ ކެމްޕެއިންގެ ބޮޑު ޖަލްސާ ވެގެންދާނީ އިނގުރައިދޫ ތާރީޙުގައިވެސް ބާއްވާނެ އެންމެ ބޮޑު ޖަލްސާ. އެންމެ ފޯރިގަދަ ޖަލްސާ. އެންމެ އަޑުގަދަ ޖަލްސާ. މި ޖަލްސާގައި ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެ." މާހިރު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ފަލާޙު ކުރިމަތިވެލައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހެވެ.