ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނައިފަރު ދާއިރާ އަށް ވާދަކުރައްވާ ހަތަރު ކެނޑިޑޭޓުންގެ މެދުގައި އެ ދާއިރާގައި ބޭއްވި ބަހުސްގައިވެސް ޝިޔާމްގެ ޤާބިލްކަން އޭނާ ސާބިތުކޮށްދީފިއެވެ.

ހަތަރު ކެނޑިޑޭޓުންވެސް ބައިވެރިވި މި ބަހުސްގައި ޝިޔާމަށް ކުރިމަތިކުރުވި ސުވާލުތަކަށް އޭނާ ވަނީ ވަރަށް ސާބިތުކަމާއި އެކު ޖަވާބުދެއްވާފައެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ނައިފަރަށް ދިމާވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެ މައްސަލަތަކަށް ބޭނުންވާ ހައްލުވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ އިޤްތިޞާދީ ފުދުންތެރިކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިޖްތިމާޢީ މައްސަލަތައް ގުޅިފައި މިހުންނަނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަމާ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އިޤްތިޞާދީ ފުދުންތެރިކަމެއް ގެންނަން. ވާޒީފާތައް އިތުރުކުރަން. އޭރުން އަޅުގަނޑުމެންގެ އިޖްތިމާޢީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަކީ އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދޭނީ ރާއްޖޭގެ ބޭންކުތަކުން، ކުޑަ އިންޓްރެސްޓަކާއި އެކު ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެންކަމަށާއި، އެކަން ކުރުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

"މަޖިލީހުގައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އަޅުގަނޑަށް އެ ފުރުޞަތު ދެއްވައިފިއްޔާ އިރާދަކުރެއްވިއްޔާ، ކޮމާޝަލް ބޭންކު ތަކުގެ އޮނިގަނޑަށް ގެނެވޭނީ ކޮން ބަދަލުތަކެއްތޯ ބަލާނަން. ފަންސަވީސް ޕަސަސްޓުގައި ހުރި މިނިމަމް ރިޒާވް ރިކުވަޔަރމަންޓް އަޅުގަނޑުމެން ދަށްކުރިން ދިހަ ޕަސަންޓަށް. ކީއްވެގެންތޯ ހަތަރު ޕަސަންޓް ނުވަތަ ފަސް ޕަސަންޓްގެ އިންޓްރެސްޓުގައި ދިވެހި ރައްޔިތުންނަށް ލޯނު ނުލިބެންވީ." ޝިޔާމް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގައި ބޭއްވި ބަހުސްގެ ތެރެއިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޝިޔާމް ކުރިމަތިލައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ކުރިމަތީގައި ކުރިއަށްދިޔަ މި ބަހުސް އަކީ ފޯރިގަދަ ބަހުސެކެވެ. އަދި އެތަށް ބަޔަކު ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށްވެސް މި ބަހުސް ބަލާފައެވެ.

މި ބަހުސް ހުށަހަޅައިދެއްވީ، ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރ، މޫސާ ވަޞީމެވެ.