ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް އިން އާރޓް އެންޑް ޑިޒައިން ކޯހެއް ބާއްވަން ނިންމައިފިއެވެ.

މި ކޯހަކީ ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހެކެވެ. އެން.ސީ.އޭ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިޔާ ފާރިސް ތޯހާ ވިދާޅުވީ މި ކޯހަކީ ކުރެހުމާއި ޑިޒައިން ކުރުމުގެ ޝައުޤުވެރިކަން ހުންނަ ފަންނުވެރިންނަށް އަމާޒުކޮށްގެން މުޅިން ހިލޭ ބޭއްވުމަށް ހަމަޖެހިފައިވާ ކޯހެއްކަމުގައެވެ.

"އެންސީއޭގެ އަމާޒަކީ ފަންނުވެރިކަމުގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯދައިދީ މިދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަންނުވެރިންގެ އަގުވަޒަންކޮށް މިދާއިރާގެ އެންމެހާ ކަންތައްތައް ދިރުވައި އާލާކުރުން"، ފާރިސް ވިދާޅުވިއެވެ.

މިކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަސް ތެރޭގައެވެ. އެންސީއޭ އިން ބުނީ މި ކޯސް އޮންނަ ތާރީޚް ވަރަށްއަވަހަށް އިއުލާން ކުރެވޭނެއެވެ.

އެންސީއޭ އިން ބުނިގޮތުގައި، އަދި އާޓް އެންޑް ޑިޒައިން ކޯހުގައި ކުރެހުމުގެ އަސާސްތަކާއި ތަފާތު އާލާތްތައް ބޭނުންކޮށްގެން ކުރަހާނެގޮތް ކިޔައިދޭނެއެވެ. މީގެ އިތުރުން ކުރެހުންތަކާއި ފޮޓޯތަކާއި އަދި ގްރެފިކްސް ޑިޒައިންކުރާ އިރު ހުންނަންޖެހޭ ހަމަތަކާއި އުސޫލުތައް ވެސް ކިޔައިދޭނެއެވެ. އަދި މިކޯހުގައި އިތުރަށް ކިޔަވައިދޭ ބައިތަކާއެކު ކޯސްނިމޭއިރު ބައިވެރިންނަށް ކުރެހުމާއި ޑިޒައިންކުރުމުގެ ދާއިރާގެ ރަނގަޅުބިންގަލެއް އެޅިގެންދާނެކަމަށްވެސް އެން.ސީ.އޭ.އިން ބުނެއެވެ.

އެން.ސީ.އޭގައި އޮންނަ މިކޯހުގައި ބައިވެރިވުމަށް އެން.ސީ.އޭގެ ވެބްސައިޓް (www.nca.gov.mv) އިން ފޯމް ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

،މި ކޯހުގައި ބައިވެރިވުމަށް ގްރޭޑް 7 ނިންމިކަމުގެ ސްކޫލް ލީވިންގް ސެޓުފިކެޓް، ނުވަތަ ލިޔުމަކާއި އައި.ޑީ ކާޑު ކޮޕީއާއިއެކު 27 މާޗްގެ ކުރިން ފޯމް ހުށައެޅުމަށް އެންސީއޭ ވަނީ އަންގާފައެވެ. މީގެ އިތުރުން [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް އިން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައިވަނީ ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، ރ.މީދޫ އަދި ލ.ފޮނަދޫގައި މިކޯސް ވަނީ ހިންގާފައެވެ. އަދި 275 އަށްވުރެންގިނަ އާޓިސްޓުން އުފައްދާފައެވެ.