ރާއްޖޭގައި ހިންގާ ގޭންގު މާރާމާތީ ތަކާއި، މިނޫންވެސް އިންސާނިއްޔަތާއި ޚިލާފު ކަންކަން ހައްލު ކުރެވޭނީ އިލާޙީ ޤާނޫނު ތަންފީޒުކޮށްގެން ކަމަށް، މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ފަރުހާދު (އިއްލި) ވިދާޅުވެއްޖެއެވެ.

އިއްލި މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން މިއަދު ގެނެސްދިން، މާފަންނު މެދު ދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކަންކަން ހައްލުކުރެވޭނީ އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ލޯބިކުރާ ބަޔަކަށް ވެގެން. މިއީ އިސްލާމީ ޤައުމެއް. އަޅުގަނޑުމެންގެ އަތުގައި އެބައޮތް އިލާޙީ ޤާނޫނު. އެ އިލާޙީ ޤާނޫނުގައި ބުނާ ގޮތަށް ތަންފީޒުކޮށްދެއްވާ ސަރުކާރުން. އޭރަށް މިކަން ހައްލު ކުރެވޭނީ. ހެދިފައިވާ މުޢާހަދާތަކަށްވުރެ އަޅުގަނޑުމެންގެ ޤައުމު މާ ބޮޑު. އަޅުގަނޑުމެންގެ ރައްޔިތުން މާ ބޮޑު." އިއްލި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިއްލި ވިދާޅުވީ، މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، އެކަން ހައްލު ކުރާނެގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މާފަންނު މެދު ދާއިރާގެ ރައްޔިތުން، އަޅުގަނޑު މި ގޮނޑިއަށް ހޮވާ ދެއްވައިފި ނަމަ، ބޯހިޔާވަހި ކަމުގެ މައްސަލަ އަށް އަޅުގަނޑު ހައްލު ހޯދައިދޭނަން. އަޅުގަނޑު އަތުގަ އެ ފޯމިއުލާ އެބައޮތް. އަޅުގަނޑަށް މި ފުރުޞަތު ލިބިއްޖެ ކަމަަށްވާނަމަ، އެކަމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާނަން. ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން." އިއްލި ވިދާޅުވިއެވެ.

ހަމައެހެންމެ، އިއްލި ވިދާޅުވީ، ލިބިފައިވާ ތަޖުރިބާގެ އަލީގައި ދާއިރާގެ ރައްޔިތުން ގޮވައިގެން، އެ ރައްޔިތުންގެ އެދޭ މަންޒިލަށް ދިއުމުގެ ހިއްވަރު އެބަ ހުރި ކަމަށާއި، ކޮލިޓީ ވަޒަން ކުރާނީ ދާއިރާގެ ރައްޔިތުން ކަމަށެވެ.

"ބާވީސް އަހަރު ވަންދެން ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތްކޮށްފިން. އަޅުގަނޑުގެ ލީޑަރޝިޕް ހުންނާނެ. ރައްޔިތުން ގޮވައިގެން އެ މީހުން ބޭނުން މަންޒިލަށް އަޅުގަނޑަށް ދަތުރު ކުރެވޭނެ. ކޮލިޓީ ބަލާލީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން. ކޮލިޓީ ކަނޑައަޅާނީ އެ ރައްޔިތުން. އަޅުގަނޑަކީ ކެޕޭސިޓީ ހުރި، ކޮމިޓްމަންޓް ފުލް ފިލް ކުރާ މީހެއް." އިއްލި ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް އިއްލި ވާދަކުރައްވަނީ ރައީސް އަލްުއުސްތާޒު މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ފުރިހަމަ ތާޢީދާއި އެކުއެވެ

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަމް

    އިއްލި ގެ ވާހަކަ ވ.ރަގަޅު.

  2. މޮޔަ

    އެހެންވީމާ ޑިމޮކްރެސީ އުވާލަން ފުރަތަމަ ފަށާ ،،، އިލާހީ ގާނޫނު ފުރަތަމަވަނިކޮށް ގާނޫނު އަސާސީ އުފެއްދީވެސް ދެންމިހާރު ، ގާނޫނު އަސާސީގެ ތެރެއިން އިލާހީ ގާނޫނު އަހަރެމެންތަ ފާސްކުރަންޖެހެނީ ؟؟؟

  3. ހާމިދު

    ތިއިީ މާފަންނު މެދުގެ ރައްޔިތުން ބޭނުންވާ ދަރިއަކީ . ތިއީ މާފަންނު މެދުގެ ރައްޔިތުން ބޭނުންވެގެން އުޅޭ ، ފިކުރަކީ . މާފަންނު މެދުގެ ރައްޔިތުން އެކުގައި އިއްލިއަށް ތާއީދު ކުރައްވާ . ވޯޓު ދެއްވާ . މަޖިލީހުގައި ސާބިތުކަމާއެކު ވަކާލަތު ކުރައްވާނެ.