މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެންމެ ގިނަ މައްސަލަ ރެޖިސްޓަރ ކޮށްފައި ވަނީ ރަށު ކައުންސިލްތަކާ ބެހޭގޮތުން ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އޭސީސީގެ 20017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން 2017 ވަނަ އަހަރު އެންމެ ގިނަ މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ރަށު ކައުންސިލްތަކާ ގުޅޭގޮތުންނެވެ. އެއީ 324 މައްސަލައެވެ. 133 މައްސަލައާއެކު ދެވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ގުޅޭގޮތުންނެވެ.

އަދި، ތިންވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ދަށުގައިވާ އިދާރާތަކާ
ގުޅޭގޮތުންނެވެ. އެއީ 112 މައްސަލައެވެ. އަދި ހަތަރުވަނައިގައި 43 މައްސަލައާއެކު މިނިސްޓްރީ އޮފް ހެލްތް އޮތް އިރު ފަސްވަނައިގައި 35 މައްސަލައާއެކު އޮތީ އިކޮނޮމިކް މިނިސްޓްރީއެވެ.

2017 ވަނަ އަހަރު އޭސީސީގައި އެންމެ ގިނަ މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ މާލެ ސަރަޙައްދުގައި ހުރި ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުންނެވެ. އެއީ 285 މައްސަލައެވެ. އަދި، ދެވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ ގއ އަތޮޅުގައި ހުރި ދައުލަތުގެ އިދާރާތަކާ ގުޅޭ ގޮތުންނެވެ. އެއީ 49 މައްސަލައެވެ. 43 މައްސަލައާއެކު ތިންވަނަ އަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ ހދ އަތޮޅުގައި ހުރި ދައުލަތުގެ އިދާރާތަކާ ގުޅޭގޮތުންނެވެ.

2017 ވަނަ އަހަރު އެ ކޮމިޝަނުން ބަލައި ނިންމާފައިވަނީ 1326 މައްސަލައެވެ. އޭގެ ތެރެއިން 1313 މައްސަލައެއްގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ނިންމި އިރު 13 މައްސަލައެއްގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.