ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިންތިހާބަށް ވުރެ އައުން ލަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން 16:00 އަށް ވޯޓް ލުން ކުރިއަށް ދާއިރު އަދި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވުރެ މި އިންތިހާބުގެ ނަތީޖާ ލަސްވުން އެކަށީގެންވާ ކަމަށެވެ. އެއީ އެއް ފޮއްޓަކަށް އެތައް ދާއިރާތަކެއްގެ މީހުން ވޯޓުލާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އައުމުގައި ވެސް ލަސްވާނެ. ސަބަބަކީ އެއް ވޯޓު ފޮއްޓަކަށް ލާ އެބަތިބި 50 ދާއިރާގެ މީހުން. އެއިން ކޮންމެ ދާއިރާއަކަށް ވަކި ނަތީޖާ ޝީޓެއް ތައްޔާރުކުރާނެ." ޝަރީފް ވިދާޅުވިއެވެ.

ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެންމެ ފުރަތަމަ ނަތީޖާ އިއުލާނު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި 501 ފޮށިން 8700 އަށް ވުރެ ގިނަ ނަތީޖާ ޝީޓު އަންނާނެ ކަމަށެވެ.

"މިހުރިހާ ނަތީޖާ ޝީޓެއް އެއް ވަގުތެއްގައި އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ވަގުތުނަގާނެ. ރިޔާސީ އިންތިހާބަށް ވުރެ ގިނަ ވަގުތު މިފަހަރު އެކަމަށް ހޭދަވެގެން ދާނެ." އަކްރަމް ވިދާޅުވި އެވެ.

ނަތީޖާ އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ 60 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން އެބަތިބި މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަމާލު

    އަނެއްކާ ކަމެއް އުޅެނީބާ

    11
  2. ަައަހްމަދު

    އޭރުންތާ އޮޅުވާލުމަށް ފުުރުސަތު ލިބޭނީ. ރިޔާސީ ވޯޓުވެސް ހަމަ އޮޅުވާލީ.

    15
  3. ބުލް

    ވޯޓް އޮޅުވާލަން ކުރެވެންހުރި ހުރިހާ ކަމެއް ތި ބައިގަނޑު ކުރާނެ

    13
  4. ޖޮއްބެ

    ލަސްކޮށްގެންތާ މަކަރާ ޙީލަތް ހެދޭނީ؟ ބަރާބަރު.

    14
  5. ޓެކުސީ

    މިފަހަރުވެސް މަކަރާއި ހީލަތްތެރިކަން އިންޑިއާގެ އެހީތެރިކަމާއި އެކުބޭނުންކުރާނެ އެހެންވެގެން ލަސްވާނެކަމަށް ސަރީފު އެބުނަނީ އޮޅުވާލުމަކީ އެމްޑީޕީގެ ޝިއާރެއް.

    13
  6. ނާޒިމާ

    އަހުރެން ވޯޓުލަންފެށި މައުމޫނުގެ 4 ވަނަ ދައުރުގައެވެ. އޭގެފަހުން 4ަފަހަރަކު ރިޔާސީ އިންތިޚާބުގައި ވޯޓުލެވިއްޖެއެވެ. 2018 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ވޯޓުގެ ވަގުތީ ނަތީޖަ ލިބެނީ ވޯޓުލީދުވަހުގެ އަނެއްދުވަހުގެ ހެނދުންކޮޅުއެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯޓުގެ ވަގުތީ ނަތީޖާ ހަތަރުގަޑީއިރުން ލިބިއްޖެއެވެ. މިއީ ފަހެ އަރަތެއްހެއްޔެވެ؟ ނަތީޖާ ކަރުދާސް ނުހަދަނިސް ޖުމްލަވޯޓު ބަލާފަ އީސީ ބޭނުންވި ފަރާތަށް ބުރަވާގޮތް ހެދިކަން ވަރަށް ސާފެވެ.

    13
  7. ނީބުމަ

    ޔަގީން.. މިފަހަރުވެސް ވަގުހަދާނެ. މިހާރުމިއޮތީއަނެއްކާވެސް
    އާސަގާފަތެއް ފެށިފަ.

  8. އޮޅުވާލި ޝަރީފު

    މިހާރު ޔަގީނާ ގާތައް މިބުނަނީ ރިޔާސީ އިންތިހާބު ނަތީޖާ އޮޅުވާލީކަން. ޢެދުވަހު 6:30 ފުވަމުލަކު އައްޑޫ ފޮށިތައް ގުނާނިމިއްޖެ ހައިރާންވެ މީހަކު އައްތަރީސް ވާނީ މިވަރަށް. ޢަހަރެން ބޮލުގަ ހާދަރިއްސައޭ ޓީވީ ތަކުންނާ ތަންތަނުން ވޯޓު ނަތީޖާ ލިބޭލެއް ލަސްވާނޭ ބުނާތީވެސް