ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް އިނާޔަތްތަކެއް ދިނުމަށް މަޖިލީހުގެ ތިން މެމްބަރަކު އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްތަކަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތާއީދު ނުކުރަން ނިންމައި ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަސްލަމް "މިހާރު"އަށް ވިދާޅުވެފައި ވަނީ ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްފައި ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގެންނެވީ އެ ބިލްތައް ފާސް ނުކުރަން ކަމަށާއި، މަޖިލީހުގައި އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ދެ މެންބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށާއި މެންބަރުކަން ކުރުމުން ލިބޭ އިނާޔަތް 55 އަހަރު ވުމުން ލިބޭ ގޮތައް އޮންނަ އޮތުން މެންބަރު ކަމުން ވަކިވާ ދުވަހުން ފެށިގެން ލިބޭ ގޮތް ހަދާށެވެ.

ޤާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝްއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުން ނަމަ މި ހެލްތު އިންޝްއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދިން ބައިވެރި ކުރެވިދާނެ ކަމަށައި މިގޮތައް ބައިވެރި ކުރާ ފަރާތައް ދައްކަން ޖެހޭ އިންޝްއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ވެސް އެމާއްދާގައި ބުނެފައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ލަތީފް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޕާސްޕޯޓް ހެދުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 އިންސައްތަ ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު 25500 ރުފިޔާ އެވެ. އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 އިންސައްތަ ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. އެއީ މަހަކު 38250 ރުފިޔާ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން އެފައިސާ މެމްބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯޓޭކްއިޓް

    ކުރީގެ މެމްބަރުންނަށް އާ އިނާޔަތްތަކެއް ދިނުމާ ދެކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދައުލަތުގެ މާލިއްޔާގައި ހުންނަ ފައިސާ އަކީ ދެން ސިޔާސީ މަގާމް ތަކަށް އެއް ޒަމާނެއްގައި މީހަކު އައުމުން އޭނާ އަށްތާއަބަދު އިނާޔަތް ތައް ނަމުގައި ދޭން ޖެހޭނެ އެއްޗެއް ނޫނޭ ސޯ ޓޭކް އިޓް ސީރިއަސްލީ ޓު މޭކް ދިސް ކަންޓްރީ އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފަޔަރ ބާރނިންގް އިން މައި އައިޒް އާއް ސޯޓޭކް އިޓް ސީރިއަސްލީ...

    4
    1