ރ.މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ފެނަކަ އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ހަލާކުވެފައިވާ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް، ކުރިއަށްދާ ކަމަށް، ފެނަކަ އެމްޑީ، ސަޢީދު ވިދާޅުވެފައިވާ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރ، އަދި މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެމްބަރ، އާދަަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ، މީދޫ ރަކަންޓުގެ ހާލަތާއި ގުޅިގެން ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.

"ރ.މީދޫއިން އަވަސް އަވަހަށް ކަރަންޓު ކެނޑެމުން ދިއުމުގެ ސަބަބުން ރަށުގެ އާއްމުން ބޭނުންކުރާ ގިނަ އަދަދެއްގެ އަގުބޮޑު ކަރަންޓު ސާމާނުތަކަށް ވަނީ ގެއްލުން ލިބިފަ. ގެއްލުން ލިބުނު ޖަނަރޭޓަރު މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި، ހޯދުމުގެ މަސައްކަތް ފެނަކަ ހެޑް އޮފީހުން ދަނީ ކުރަމުން ކަމަށް އެމްޑީ ސައީދު ވިދާޅުވި." ޝަރީފް ވިދާޅުވިއެވެ.

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އާ ޖަނަރޭޓަރުތަކެއް އެރަށަށް ފޮނުވާނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ މީގެ ހަމަސް ކުރިން ވިދާޅުވެފައެވެ.

އަމީތު ވިދާޅުވިގޮތުގައި، މީދޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެެއެވެ. އެކަމަށް ހައްލެއް ނައިސް މިިދިޔަ ދެ ތިން މަސްވެސް، ރޭގަނޑާއި ދުވާލު ކަރަންޓްގެ މައްސަލަ، ވަރަށް ބޮޑު މައްސަލައަކަށް ވެގެން ގޮސްފައިވާކަމަށް އަމީތު ވަނީ އޭރު ފާހަގަކުރައްވާފައެވެ.