ޖީއެމްއާރުން ރާއްޖޭގައި މަސައްކަތް ކުރިއިރު، ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކާއި ގުޅިގެން ދިވެހި ދަޢުލަތަށް ލިބެން ޖެހޭ 20 މިލިއަން ޑޮލަރަކީ މާފްކޮށްދެވޭނެ ފައިސާ އެއް ނޫން ކަމަށާއި، އެ ފައިސާ އަކީ މީރާ އަށް ލިބެން ޖެހޭ ފައިސާ އެއް ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ނިހާނު ވިދާޅުވެއްޖެ އެވެ.

ނިހާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޖީއެމްއާރު ގެ މައްސަލަ، ސިންގަޕޫރުގެ އާބިޓްރޭޝަންގައި ނިމި، ދައުލަތުގެ ފަރާތުން ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވަނީ ދައްކާ ނިންމާފަ. 2016 ވަނަ އަހަރު ވަނީ 271 މިލިއަން ޑޮލަރު ދައްކާފަ. އެނގިވަޑައިގަންނަވާނެ، ޖީއެމްއާރަކީ ދިވެހިރާއްޖޭގެ ވިޔަފާރިއެއް ގޮތަށް މި ޤައުމުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ދިޔަ ކުންފުޏެއް. އެހެންކަމުން އެކި އެކި ޓެކްސް ގެ ގޮތުގައި މީރާއަށް ދައްކަން ޖެހޭ ފައިސާ އަކީ ދިވެހި ދަޢުލަތަށް ލިބެން ޖެހޭ ފައިސާ އެއް." ނިހާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިޙާނު ވިދާޅުވީ، އެ ފައިސާ މާފްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަހަލަ ވާހަކަތަކެއްވެސް އިވިފައިވާ ކަމަށާއި، ދަޢުލަތުގެ ފަރާތުންވެސް އެތައް ބަޔަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އެބަ ހުރި ކަމަށެވެ. އަދި ވެރިކަމަށް ގާތްގަނޑަކަށް ހައެއްކަ މަސް ވީ އިރު ފެނިގެން މި ދަނީ އެކި އެކި ފަރާތްތަކަށް ދައުލަތުގެ ހުރިހާ ފާއިސާއެއް ބަހާލާ މަންޒަރުކަމަށްވެސް ނިހާނު ވިދާޅުވިއެވެ.

"ޖީއެމްއާރުން ދައްކަން ޖެހޭ ފައިސާ ގެ ތަފްޞީލްވެސް އެބަ އޮތް ފެންނަން، އެއީ ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބޭ ފައިސާއިން ދައްކަން ޖެހޭ ޓެކްސްގެ ގޮތުގައި 14.4 މިލިއަން ޑޮލަރު، ވިތްހޯލްޑިންސްގެ ގޮތުގައި ދައްކަން ޖެހޭ 2.8 މިލިއަން ޑޮލަރު، އަދި މީގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 3.3 މިލިއަން ޑޮލަރު، ޖުމްލަ 20 މިލިއަން ޑޮލަރު އެބަ ޖެހޭ ދައްކަން. ހަމަ އެކަނި މާފްވެސް ކޮށްދެވޭނީ ހަމަ އެކަނި ޖޫރިމަނާ. އެނޫން ހުރިހާ ފައިސާ އަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާ." ނިހާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރީޝް

    ޖީ އެމް އާރ އަށް އެފައިސާ މާޢާފް ކޮއްދީފި ކަމަށް ވަނަޏާ ދިވެހި އެއްވެސް ވިޔަފާރި ވެރިއަކު ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ނުދެއްކުމަށް ގޮވާލަން. ދިވެހިން ގެ އެތަށް ފައިސާއެއް ފޭރިގެން ތިބި ބަޔަކަށް މާޢާފް ކޮއްދޭންޖެހޭ ފައިސާއެއް ނޮއޮންނާނެ.

    1
    1