1440 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު މާދަމާ ބަހާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލް އިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީއާއި، އައްޑޫސިޓީއާއި، ފުވައްމުލަކުސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބެއްސެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހަމަޖައްސަވާފައިވަނީ، މީހުން ދިރިއުޅޭ ގޭބިސީ ބެލުމަށްފަހު، 2018 (1439) ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރުދޭ އުސޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީވާ ކަދުރުބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ.

ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. އައްޑޫސިޓީގެ ގޭބިސީގެ ޢަދަދަކީ 5346 އެވެ. އައްޑޫސިޓީ ރައްޔިތުންނަށް ބެހުމަށް އައްޑޫސިޓީއަށް ލިބިފައިވަނީ 2675 ޕަކެޓް ކަދުރު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ގޭބިސީތަކަށް ކަދުރު ބަހާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިއުމެއް ގެންނެވުމުން، އެލިއުމުގެ ސައްޙަކަން ބެލުމަށްފަހު ކަމަށެވެ.

ގޭބިސީގެ ސައްޙަކަން ކަނޑައަޅާ ލިއުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނެއްނަމަ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ އެގެއެއް ހިމެނޭ ގޯތީގެރަޖިސްޓްރީގެ އަސްލު ކަމަށް ވެސް ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ކަދުރު ބަހަން ހަމަޖެހިފައިވަނީ 27 މެއި 2019 (މާދަމާ) އެވެ. ކަދުރު ބެހުން ކުރިއަށް ދާނީ އަވަށު އޮފީސްތަކުންނެވެ. އަދި ކަދުރު ބެހުން ކުރިއަށް ދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:15 އިން 13:00 އަށް ކަން އެ އިދާރާއިން ވަނީ އިއުލާނުގައި ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ތިވަރުން ތި ބޭނުމެއް ނޫން. ރޯދަ މަސް މި ނިމެނީ ހަމަ ކަދުރު ކައިގެން. ކަލޭމެން ޕާޓީ ކުދިންނަށް ބަހާލާ

    1
    1
  2. ހުސޭނުބޭ

    ޖަޒީރާ ސަރުކާރުގައި އައްޑޫ ސިޓީ ހާދަ ކުރިއަރާފިޔޭ! ކަދުރުވެސް އެ ބަހާލަނީ 6 ރޯދަޔަށް!

  3. ބަކުރު

    ހާދަ އަވަހަށް އަދި އީދު އަންނަން 9 ދުވަސް އެބަ އޮތޭ...

  4. Anonymous

    އަދިމާއަވަސް

  5. ސަންފަ

    ކަދުރުބަހަނީ މި ސްޕީޑްގަ ކަމަށްވީމަ ދެން އެހެން ކަންކަން ކުރިއަށްދާނެ ސްޕީޑް އަންދާޒާކޮށްލެވޭހާ ޑޮކްޓަރުން ގިނަ ސިޓީއެއް އައްޑޫއަކީ.

  6. ނާސިޙް

    ކަދުރު ފާތުމަ ކަދުރުތައް ކައިފައިވެސް އަހަރުމެންނަށް ކަދުރު ލިބުނު
    މާބޮޑަށް އިންސާފު މިފަހަރު ތިޔަ ލިބުނީ

  7. ކޮއްޔާ

    ތީހާދަ ތަކުލީފު ބޮޑުކޮށް ލިބޭ ކަދުރު ޕެކެޓެކޭދޯ. ބަލަގަ ރައްޔިތުންނަށް ބަހާ އެއްޗެއްކަމަށްވަންޏާމު މޭޔަރުގެ ކާރަށް ތިޔަ ކަދުރު އަރުވައިގެން ގޮސް ކޮންމެ ގެއަކަށް ދޭންވީނު. ކަދުރު ޕެކެޓް ބަހަން ދުއްވިޔަސް މޭޔަރު ދަރިފުޅު ގޮވައިގެން ފިނިބުރުޖަހަން ނުވަތަ ރައްޓެހިންނާއި އެކު ނާޗަރަންގީކުޅެން ދުއްވިޔަސް ކާރަށް ތެޔޮއަޅަނީ ރައްޔިތުންގެ ފައިސާއިން. އެހެންވީމައި މިރޯދަމަހު ރައްޔިތުންނަށް ޓަކައި މިފަދަ ކަމެއްކޮށްލިޔަކަސް ރަނގަޅުވާނެ ކަމަށްދެކެން. ނުވަތަ ކައުންސިލު މެމްބަރުން އެމެމްބަރެއްގެ ދާއިރާގެ ކޮންމެ ގެއަކަށް ކަދުުރު ޕެކެޓެއް ހިފައިގެން ގޮސްދޭންވީނު. ކައުންސިލުގައި އެބަތިބި ވިއްޔާ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ލިބިގެން އަދި ވިލާގްރޫޕުން މުސާރަލިބިގެން ތިބި މީހުންވެސް. އެހެންވީމައި ރައްޔިތުންނަށް ދޭންޖެހޭ ކަދުރުޕެކެޓެއް ދިނުމަށް ތިހާތަކުލީފު ނުޖައްސައި ލުއިފަސޭހަ ގޮތެއް ހަމަޖައްސާލާ. އެހެން ނޫނީ ތިކަދުރުތަށް ކައުންސިލަރުންނާއި ތިއޮފީހުގެ މުވައްޒިފުންނާއި ދެންވެސް ވަށައިގެން ތިބިބަޔަކަށް ދީހުސްކޮށްލާ. އެއިރުން ދެން ތިކަން ނިމުނީއެއްނު. ރޯދަމަސްވެސް މިނިމުނީ.