ސްޓޫޑެންޓް ލޯންއަށް އެދި ހުށަހެޅި ގިނަ އަދަދެއްގެ ދަރިވަރުން ނުހޮވުނު ސަބަބު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން ވިދާޅުވީ، ގިނަ ދަރިވަރުންނަށް ލޯން ހަމަޖެހިގެން ނުގޮސް ޑިސްކޮލިފައިވަނީ ހުށައަޅަންޖެހޭ ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅާފަ ނެތުމުން ކަމަށެވެ. އެގޮތުން ސެޓްޕިކެޓް ތަކުގެ ދެފުށް ހުށަނޭޅުމުގެ ސަބަބުން 271 ދަރިވަރަކު ޑިސްކޮލިފައިވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި 192 ކުއްޖަކު ކަނޑައަޅާފައިވާ ގައުމުތަށް ފިޔަވައި އެހެން ގައުމުތަކަށް ލޯނަށް އެދި ހުށައަޅާފައިވާކަމަށާއި، އެ ކުދިންވެސް ޑިސްކޮލިފައިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުންއެޓެސްޓޭޝަންގެ ފުރިހަމަ ނުކުރުމުގެ ސަބަބުން 183 ދަރިވަރުން ޑިސްކޮލިފައިވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ދަރިވަރުން ޑިސްކޮލިފައިވެފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުގައި ކިޔަވަން ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ކިޔެވުމަށް އެދި ހުށައެޅުމާއި، ކޯސް ހިންގާކަމުގެ ލިޔުން ހުށައަޅާފަ ނެތުމާއި، ކޯހަށް ބޭނުންވާ އެމް.ކިޔު.އޭގެ ޝަރުތު ފުރިހަމަނުވުމާއި، ކުރީގެ ލޯނެއް ނުދައްކާ އޮތުމާއި، ހުށައަޅަންޖެހޭ ސްކީމް ނޫން އެހެން ސްކީމަކަށް ފޯމު ހުށައަޅާފައިވުމާއި، ކޮލިފައިވެ ނަމަވެސް ކަނޑައެޅިފައިވާ 30 ސްލޮޓްގެ ތެރޭގައި ނުހިމެނުމާއި، ކޮލިފައިވެ ނަމަވެސް ކަނޑައެޅިފައިވާ ފަސް ސްލޮޓްގެ ތެރޭގައި ނުހިމެނުމާއި، ރިޕީޓް އެޕްލިކޭޝަން ހުށައަޅާފައިވުމާއި، ސެޓްފިކެޓް އެކްރެޑިޓްކޮށްފައި ނެތުމާއި، މޯލްޑިވްސް މެޑިކަން އެންޑް ޑެންޓަލް ކައުންސިލްއިން ގަބޫލުނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނަށް އެދި 242 ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މާޗް މަހުގައެވެ. މި ލޯނަށް މުޅިއަކު 993 ދަރިވަރުން ކުރިމަތިލާފައި ވެއެވެ. ނަމަވެސް މި ދެންނެވި ސަބަބު ތަކާއި ދިމާކޮށް ލޯނު ލިބިފައިވަނީ 79 ދަރިވަރުންނަށެވެ.

މާޗް މަހުގައި ހުޅުވާލި ފުރުސަތުގައި ނުހޮވުނު ދަރިވަރުންނަށް މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް ގެތެރެއިން އެޕްލިކޭޝަން އެޑިޓްކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު މިހަފްތާގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަރިވަރުން ޑިސްކޮލިފައިވާ ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެކަަމަށްވެސް ބުންޏެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ލޯނު ދިނުމުގެ ގަވާއިދަށް ލުއިފަސޭހަ ގޮތަކަށް ދިރާސާ ކުރުމަށްފަހު، އެ ސްކީމުގައި ބޭނުންކުރެވިފައި ނުވާ 163 ޖާގަ އަލުން ހުޅުވާލަން ނިންމާފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ކިޔެވުމުގެ ފުރުސަތު މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބޫ ގެ ލޯން ސުމެއް

    ކަލޭ ބޭނުން މީހުނަށް ފުރުސަތު ދޭން ފަހުން ކުދިން ލައްވާ މެއެިލް ގެނުވީ ކީއްކުރަން؟ކުރުވާ މެއިލް އެކޭ .ޕޯޓަލް އޯކޭ ފަޅޮލޭ ކިޔާފައި ،ތި ބުނަނީ އެޓެސްޓޭ.ދެ ފުށޭ.ބަލަ އެމް.ޑީޕީ ބޮޑުން ބުނެގެން ފައިސާ ނެތިގެން ކަލޭ ޖެހި މަޅި އެއް.އަޑީގައި ހުރީ އިބޫ.ބަލަ މި ކަންތައް އިގޭ.ބަލަ އެޓެސްޓޭޝަން ގެ އުސޫލެއް ވެސް އެކުލަވާލައިފައި އެ ޓެސްޓޭޝަން ސުޓޭމްޕް އިންނަށް ޖެހޭނީ ވާތު ތިރީކަނުގައި އެލިފައި އިންނަ ހިސާބުގައި ނޫންނަމަ ކެންސަލޭވެސް ބުނި ނަމަދޯ.

  2. ޢަލީ

    ތި ބުނަނީ ލޯނެއްގެ ވާހަކަ އެހެންވެއްޖެއްޔާ އެކުއްޖަކު ކިޔަވަންވީ އެއްޗެއް ކިޔަވަންވީ ޤައުމަކަށް ދާން ދޭންވީ ނޫންތޯ؟ ލޯނަކީ އަނބުރާ ލިބޭ އެއްޗެއް އަދި 5 ޕަސެންޓްގެ އިންޓަރެސްޓެއްވެސް އޮވޭ ފައިދާއެއް ނޫންތޯ ވާނީ، އެންމެ މަތިން ޕޮއިންޓް ލިބޭ ކުދިންނަށް އެކުދިން ބޭނުވް ޤައުމަކަށް ނުވަތަ ތިބޭފުޅުން ކަނޑައަޅާ އަދަދަކަށް ފައިސާ ދޭންވީ ނޫންތޯ؟ އެއީ ނޫންތޯ ރައްޔިތުންނަން ކަމެއް ކޮށްދިނުމަކީ، މިފަހަރު އެބަތިބި އޭ ލެވެލް ޔޫސެޓް ގެނައިކުދިންނަށްވެސް ލޯން ދީފަ، އެކަމަކު 4 އޭ 1 ބީ ގެނަި ކުއްޖާއަށް އެއްވެސް އެއްޗެއް ނުލިބުނު.

  3. Anonymous

    ތީ އެމްޑީޕީ ހަރުގެއިން އެންގެވި ގޮތް ދެއްތޯ؟

  4. ދޮގެއް؟

    ތި ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތަކަށް ވިސްނާލުމުން ތީ ވެގެންވާނެ ގޮތެއް ކަމަށް ގަބޫލެއް ނުކުރެވޭ. މިސާލަކަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ގަބޫލު ނުކުރާ ކޯސްތަކަށް ކުރިމަތިލީއިރު ފޯމުތައް ޗެކް ކޮށް ބަލައިގަންނަން ތިބި ރީނދޫ އެކްޓިވިސްޓުން ތިބީ ހަމައިގަތޯ ބަލަން ޖެހޭ.