ރާއްޖޭގެ އިންތިޚާބު ތަކުގައި އީ ވޯޓިން ސިސްޓަމް ބޭނުން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރ އަޙުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ބައިނަލް އަޤުވާމީ 18 ވަނަ އިލެކްޓޯރަލް އެފެރާއޒް ސިމްޕޯސިއަމް ރާއްޖޭގައި ބޭއްވުމާއި ގުޅޭ ގޮތުން މީޑިއާ ތަކާއި މަޝްވަރާ ކުރުމަށް މިއަދު އިލެކްޝަންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރާއްޖޭގައި އީ ވޯޓުން ސިސްޓަމް ބޭނުން ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެން ނުގެންގުޅެން. ނަމަވެސް ބައެއް ކަންކަން އިލެކްޓްރޯނިކް ކުރުމުގެ ވިސްނުން އަޅުގަނޑުމެން އެބަ ގެންގުޅެން." އަކްރަމް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް އަކީ ދުނިޔޭގެ ޤައުމުތަކުގައި ބާއްވާ އިންތިޚާބު ތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް އަކްރަމް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިމްޕޯޒިއަމް ކަމަށާ ގާތްގަނޑަކަށް 60 ޤައުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތައް ކުރިއަށް ދާނީ ބަނޑޮސް އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.