ބާ ކައުންސިލަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެއެވެ.

މި އިންތިޚާބުގައި އެ ކައުންސިލަށް ރައީސާއި ނައިބް ރައީސްގެ އިތުރުން ހަ މެމްބަރަކު އިންތިޚާބު ކުރާނެ އެވެ.

އިންތިޚާބު ކުރާ މެމްބަރުންގެ އިތުރުން އެ ކައުންސިލްގައި ބަންޑާރަ ނައިބު އިންނަވާނެ އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް 2 ވަކީލުން ވާދަ ކުރައްވައެވެ. އަދި ނައިބްރައީސް ކަމަށްވެސް 2 ވަކީލުން ވާދަ ކުރައްވަ އެވެ.

އޭގެ އިތުރުން މެމްބަރު ކަމަށް 19 ވަކީލަކު ވަނީ ކުރިމަތި ލައްވާފަ އެވެ.

މާލޭގައި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބުތަކާ ބެހޭ މައި އިދާރާ ބާ ޖަމާލުއްދީންގަ އެވެ. އައްޑޫގައި ވޯޓުލުން ކުރިއަށް ދަނީ ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލްގައެވެ. މި އިންތިޚާބުގައި މާލޭގައި 2 ވޯޓު ފޮށި ބަހައްޓާފައިވާއިރު އައްޑޫގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު ފަހެއް ޖަހަންދެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

ބާ ކައުލްސިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް އުފެއްދި ކައުންސިލެކެވެ. ރާއްޖޭގައި މަސައްކަތް ކުރާ 1،600 ވަކީލުންގެ މެދުގައި އެ އިންތިޚާބު ބާއްވަނީ ހަމައެކަނި މާލެ އާއި އައްޑޫގައެވެ.

ބާ ކައުންސިލްގެ އިންތިހާބަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު މި އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.