އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ބޭއްވުމަށް ނިންމައިފި އެވެ.

ދެ ދުވަހަކަށް ބަހާލައިގެން ބާއްވާ މި އެކްސްޕޯ އޮންނާނީ 29 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރަށް ދަރުބާރުގޭގަ އެވެ.

މި އެކްސްޕޯގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

މި އެކްސްޕޯގައި 4 ސަމިޓެއް ކުރިއަށްދާނެއެވެ.

އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓުގެ އިތުރުން މޯލްޑިވްސް ވިމަން އޮންޓަރޕްރެނުއަރސް ސަމިޓުގެ އިތުރުން މޯލްޑިވްސް ޓެކް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާޙައުލެއްގައި ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ.

އަދި މި އިވެންޓުގައި ކުރިއަށްދާ ކޮންމެ ސަމިޓަކުންވެސް އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުވެފައެވެ.

އެ ބަދަލާއެކު އޯރކާ މީޑިއާ ގްރޫޕުން ބޭނުންވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޚަބަރުތައްވެސް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

އޯރކާ މީޑިއާ ގްރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މީޑިއާގެ ޚިދުމަތްތަކާއި އިވެންޓް ބޭއްވުމުގެ އިތުރުން މާރކެޓިންގެ ޚިދުމަތްތަކާއި ކޮންޓެންޓް މާރކެޓިންގް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުންވެސް ޕަބްލިޝިންއާއި ވެބް ޑިޒައިންގެ އިތުރުން އިޝްތިހާރުކޮށްދިނުމާއި ބްރޭންޑިންގް އަދި ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ޚިދުމަތްތަކަކީވެސް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޚިދުމަތްތަކެކެވެ.