ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ވަކީލުންނަށް އިތުރު ހުއްދައެއް ނަގަން ނުޖެހި، ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން ރާއްޖޭގެ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ މިހާރު ތިބި ވަކީލުންނަށް ލިބޭނެއެވެ. ބާ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

ބާ ކައުންސިލުން ނެރެފައިވާ ސަރކިއުލާއެއްގައިވާ ގޮތުން، މި ގާނޫނަށް އަމަލު ކުރަން ފެށިއިރު ފަނޑިޔާރުންގެ މަގާމަށް އައްޔަންކޮށްފައިވާ ގާނޫނީ ވަކީލުން ފިޔަވާ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުން އަލަށް ހުއްދަ ހޯދަން ނުޖެހޭނެ އެވެ.

އަދި މިހާރުވެސް ހުއްދަ ލިބިގެން ވަކާލާތު ކުރައްވާ ވަކީލުންންނަށް ރާއްޖޭގެ އެންމެހައި ތަހްގީގީ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް ހާޒިރުވުމުގެ ހުއްދަ ލިބިގެންވާކަމަށް އެ ސާކިއުލާގައި ވެއެވެ.

ނަމަވެސް ރާއްޖޭގެ ހައިކޯޓާއި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުސަތު އޮންނާނީ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންވެސް އެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިގެން ވަކީލުންނަށް ކަން ބާ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް އެ ކައުންސިލުން އެކުލަވާލާ ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.