މިއަދު ހެނދުނު ލޯންޗެއް ބަންޑުންޖަހާލައި ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.

މިއަދު ހެނދުނު 11:45 ހާއިރު، ހދ. ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއެއްގެ ފަސް މީހުންނެވެ.

އެކަމުގެ ހިތާމަ މުޅި ރާއްޖޭގެ ހުރިހާ އެންމެން ކުރަމުން އަންނައިރު، ޕްރޮގްރެސިވް ކޯލިޝަނުން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ބުނެފައި ވަނީ، މިއަދު މެންދުރުފަހު ހިނގި މި ހިތާމަވެރި ހާދިސާގައި ނޮޅިވަރަންފަރަށް ނިސްބަތްވާ 5 ބޭފުޅަކި ނިޔާވި އަޑުއެހީ ފުންހިތާމައާ އެކުގައި ކަމަށެވެ.

“ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި، ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރޝިޕާއި ހުރިހާ މެންބަރުންގެ ފަރާތުން މިހާދިސާގައި އާއިލާތަކަށް ލިބުނު ހިތާމައިގައި ބައިވެރިވެ، އިހްލާސްތެރިކަމާއެކު ތައުޒިޔާ އަރިސްކުރަމެވެ.”އިދިކޮޅު ކޯލިޝަންގެ ތައުޒިޔާ މެސެޖުގައި ވެއެވެ.

އަދި މިއީ ބަރުދާސްތުކުރަން ދަތި ވަރަށް ބޮޑު ހިތާމައެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.

“މިދަނޑިވަޅުގައި ނިޔާވި ފަރާތްތަކުގެ އާއިލާތަތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެމެ. މާތް މަރުހޫމުންގެ ފާފަ ފުއްސަވައި ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން!” ޕްރޮގްރެސިވް ކޯލިޝަނުގެ ތަޢުޒިޔާގައި ވެއެވެ.