ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖު ކަމުގައިވާ މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ އޮކްޓޯބަރ އިންޓޭކުން ފެށިގެން މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވާދެނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ތަޢާރަފްކޮށްފައިވާ "ސްމާޓް ކެމްޕަސް" މެދުވެރިކޮށެވެ.

އެ ކޮލެޖުން އޮންލައިން ކޯސްތައް ފަށާ، ޖުމްލަ ހަތް ދާއިރާއަކުން 34 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި އެޑްވާންސްޑް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިން، ޓުއަރިޒަމް މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް ފަދަ ކޯސްތައް އޮންލައިންކޮށް ކިޔެވޭނެ އެވެ.

މިކޯސްތަކާ ބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) އިން ލިބެން ހުންނާނެއެވެ.

އަދި އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް މެޕްސް ކޮލެޖް ގެ ނަމްބަރު 3314621 ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މެޕްސް ކޮލެޖުގައި އޮންލައިން ކޯސްތައް ތައާރަފް ކުރުމަށް ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެެ މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ، ފާތިމަތު ރަޝީދު ވިދާޅުވީ ރަށުގައި ތިބެގެން ފެންވަރު ރަގަޅު މަތީ ތައުލީމު އުނގެނުމަށް މަގުފަހިކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދިޔަ ކަމަށެވެ.

މެޕްސް ކޮލެޖުން އޮންލައިން ކޯސްތައް ތައާރަފް ކުރުމަށް ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިމެޕްސް ކޮލެޖުގެ ޑީން އޮފް ޑެވެލޮޕްމަންޓް އެންޑް ސްޓޫޑަންޓް އެންގޭޖްމަންޓް ނަޝްޢާ އަހުމަދު ނަސީމު ވިދާޅުވީ، އޮންލައިންކޮށް ކިޔަވާ ކުދިންނަށް ކޮލެޖަށް އައިސް ކިޔަވާ ކުދިންނެކޭ އެއްފަދައިން، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އޮންލައިން ލައިބްރަރީ އެބްސްކޯ ހޮސްޓް ބޭނުންކުރެވުމުގެ އިތުރުން ސްމާޓް ކެމްޕަސް މެދުވެރިކޮށް މައިކްރޯސޮފްޓް އެޑިޔުކޭޝަންގެ އަލީގައި އެއްވަގުތެއްގައި ލެކްޗަރަސް އާއި ކްލާހުގެ އެހެން ކުދިންނާއި މުއާމަލާތު ކުރެވިގެންދާނެ ކަމަށާއި އެސައިންމަންޓްތައް ސަބްމިޓްކޮށް މައިކްރޯސޮފްޓް 360 އަށް ހިލޭ އެކްސެސް ލިބޭނެކަމަށެވެ.

މެޕްސް ކޮލެޖުން މައުލޫމާތުދިން ގޮތުގައި، މިކޯސްތަކަކީ އޮންލައިންކޮށް ހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަ ލިބިފައިވާ ކޯސްތަކެވެ. އަދި މިކޯސްތަކުގައި ކިޔެވުމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.