ފުލުހުންގެ ހައްޔަރުގައި ބައިތިއްބާ މީހުންނަށް ހާއްސަ ރަށް، ދޫނިދޫގެ ބަނދަރު ހަދައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއެވެ.

މި ޕްރޮޖެކްޓުގެ ދަށުން 4.61 ހެކްޓަރުގެ ސަރަހައްދަކުން ވެލިނަގައި 3.75 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި 193، 167 އަދި 9.5 މީޓަރުގެ ތިން ބްރޭކްވޯޓާ ހަދައި 620 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސިން ބުނެއެވެ.

އަދި މީގެ އިތުރުން، 250 މީޓަރުގެ ކުއޭ ވޯލްއެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ހާމަކޮށްފައެއް ނުވެއެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ، 51.4 މިލިއަން ރުފިޔާއަށެވެ.