ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ރާއްޖޭގައި އެންމެ ގިނަ ކުދިބަޔަކު ކިޔަވަމުންދާ އެއް ޔުނިވާސިޓީއެވެ. މި ކޮލެޖްގައި ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދެމުން ދާ ކަމަކީ ގިނަ ދަރިވަރުންތަކެއް އުފަލާއި އެކު ފާހަގަ ކުރަމުން އަންނަ ކަމެކެވެ.

މިގޮތުން 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން އިން އިސް ނަގައިގެން ބާއްވަމުން އަންނަ ފުޓްސެލް މުބާރާތަކީ ގައުމީ ޔުނިވާސިޓީގައި ވަރަށް ފާހަގަ ކޮށްލެވޭ އެއް މުބާރާތެވެ. އަދި މި މުބާރާތަކީ ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ މެދުގައި ބޭއްވެމުން އަންނަ އެންމެ ބޮޑު އެއް މުބާރާތްކަމަށް ވެސް މުބާރާތް އިންތިޒާމްކުރައްވާ ފަރާތްކަމަށް ވާ އެންމެންޔޫ.އެސްޔޫ އިން ވަނީ ބުނެފައެވެ. މި މުބާރާތް ހުޅުވާލެވިފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކުގެ އިތުރުން ރާއްޖޭގެ އެހެނިހެން ކޮލެޖްތަކަށެވެ.

އެމްއެންޔޫ.އެސްޔޫ ފުޓްސެލް ފިއެސްޓާ - ފޮޓޯ: އެމްއެންޔޫ.އެސްޔޫ

މީގެ އިތުރުން މި މުބާރާތް އިންތިޒާމްކޮށް ބާއްވާ ފަރާތުން ބުނެފައިވަނީ މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ ކުދިންގެ މެދުގައި ރަނގަޅު މާހައުލެއް އުފެއްދުން ކަމަށެވެ. ހަމަ އެޔާއެކު މުބާރާތުގައި ފިރިހިން އަދި އަންހިން ޑިވިޝަނެއް ހިމެނޭއިރު އަންހެން ޑިވިޝަން އެއް އެންމެ ފުރަތަމަ ހިމެނުނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް އެސްޔޫގެ ބޭފުޅަކު ވަނީ މައުލޫމާތު ދެއްވައިފައެވެ.

މިގޮތުން މިއަހަރުގެ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައި ކަމުގައާއި މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް މާލޭ ވޯޓަރ އެންޑު ސެވެރެޖު ކޮމްޕެނީ MWSC ހަމަޖެހިފައި ވާކަމަށް އެސް.ޔޫ އިން ވަނީ މައުލޫމާތު ދީފައެވެ. އަދި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ އެމް 7 ކަމުގައިވާއިރު މީޑިއާ ޕާޓްނާރ އަކީ ޕީ.އެސް.އެމް ސްޕޯޓްސް އެވެ. މީގެއިތުރުން ސްޕޮންސަރުންގެ ގޮތުގައި ދިރާގު އަދި ވިޒިޓް ލާމް ހިމެނޭކަމަށް މުބާރާތުގެ އިންތިޒާމީ ކޮމިޓީ (އެމްއެންޔޫ.އެސްޔޫ) އިން ވަނީ ފާހަގަކޮށްލާފައެވެ.