ކެމިކަލާއި މާލޭގައި ރައްކާކުރައްވާ އަދި ކުރަމުންދާ ފަރާތްތަކަށް ކ.ތިލަފުށިން ވެއަރހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ، މިއަދުން ފެށިގެން، 'ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަންކުރުމަށް އެދި ހުށަހަޅާ ފޯމް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ބުނެފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިގާދިޔަ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެންމެހައި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، މާލޭގައި ހުރި އެންމެހައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ނިންމަވާފައިވާތީ، އެކަންކަން ތަންފީޒު ކުރުމަށްޓަކައި 21 ސެޕްޓެމްބަރ އިން ފެށިގެން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކާއި ގުޅިގެން އެކުންފުނިން މަސައްކަތްކުރަމުން ދާކަމަށެވެ.

ކ.ތިލަފުށީގައި ވަކި ސަރަޙައްދެއް ކެމިކަލް ރައްކާކުރުމަށްޓަކައި ކަނޑައެޅި ވެއަރހައުސިންގ ޔުނިޓްތަކެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ.

ކެމިކަލް ރައްކާކުރުމަށް ބިން ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހުށަހަޅަން ޖެހޭ ފޯމް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ވެއަރހައުސް ޔުނިޓްތައް ކުއްޔަށްދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތަކަށް ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުއްވުމަށް އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރާދު

    ތިކަންކުރެއްވުން މިހާރުވެސްލަސްވެއްޖެކަމަށްދެކެން މިހެންމިބުނީ މިބާވަތުގެތަކެތިއެއީ ނުރައްކާތަކެތިކަމަށްވާތީ މީހުންދިރިއުޅޭ ސަރަޙައްދުގައި ތިބާވަތުގެތަކެތި ގެންގުޅުމަކީ ރަށްކާތެރި
    ކަމަކަށްނުވާނެތީ މިކަމުގެހެއްކެތްގެގޮތުން ދާދިފަހުންހިގި އަލިފާނުގެހާދިސާއިން ލިބުނުގެއްލުން
    ބައްލަވާ ވީމާ.............

  2. ސަވީލް

    ތިތާކު ކަރަންޓެއް ފެނެއް ނެތޭ.. އަލައް ހިއްކި ސަރަހައްދުގަ ކިރިޔާ ބިންކޮޅެއް އޮތީ.. އެކަމަކު އެތާކު މިސަރުކާރަކައް ކަރަންޓެއް ފެނެއް ނަރުދަމާއެއް ލާ ނުދެވެޔޭ.. އަހަރުގޮސް މިނިމުނީ.. ޔާމީން ސަރުކާރުން އެޅި ބޮޑު ތާރުމަގުވެސް އެޅާފަ އޮތް އިރު އެތަންވެސް ހުޅުވާނުލަޔޭ..