ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަންބަލުން، ފާތިމަތު އިބްރާހީމް (މެޑަމް ފާތުން) ލ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކައްދޫއަށް ވަޑައިގަތުމުން، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިއުދު ހަވީރު މެޑަމް ފާތުން ކައްދޫ އެއާޕޯޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް އެ އަތޮޅުގެ ގިނަ ޢަދަދެއްގެ ޢާންމުން ކައްދޫއަށް ގޮސްފައިވާއިރު، މަރުޙަބާގެ ޚާއްސަ ޙަރަކާތްތަކެއް ވެސް ކުރިއަށްގެންގޮސްފައި ވެއެވެ.

މިރޭ ލ. ގަމުގެ ތުނޑީ އަވަށުގައި ބާއްވާ ޕީޕީއެމްގެ ޚާއްސަ ޖަލްސާއެއްގައިވެސް އެކަމަނާގެ ޓީމުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި މެޑަމް ފާތުންގެ އިތުރުން، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙުގެ އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެޑަމް ފާތުން އިސްވެ ހުންނަވައިގެން އެކަމަނާގެ ޓީމުން ކުރައްވާ މި ދަތުރުފުޅުގައި، އެއަތޮޅުގެ ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި އޮޅުންފިލުވައި، ރައްޔިތުންނަށް ހުރި ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ.