ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅާއި ނ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެެރެފައި ވަނީ މިއަދު މެންދުރުފަހު 13:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.