ހަނގުރާމައަށް ދިޔުމާއި ދާން ހިއްވަރު ދިނުމަކީ ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި، ޓެރަރިޒަމް ހުއްޓުވުމުގެ ގާނުނަށް އިސްލާހު ގެނެސްފައިވާ ބިލުގައި ހިމަނައިފިއެވެ.

ހަނގުރާމައަށް ދާން ހިތްވަރު ދިނުމަކީވެސް ކުށެއް ކަމަށް ހިމަނައި އެ ކުށަށް ބޮޑު އަދަބެއް ދޭން ޓެރަރިޒަމް ހުއްޓުވުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނުމަށް، އެ ބިލު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޓެރަރިޒަމް ހުއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހަފްތާއެއްހާ ދުވަހުގެ މަސައްކަތައް ފަހު، ބިލު ދިރާސާކޮށް، ބުރާސްފަތި ދުވަހު ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށް ބިލަށް ކުދި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ގެނައި އެއް ބަދަލުތަކުގެ ތެރޭގައި ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކުށް ސާބިތު ވެއްޖެނަމަ އަދަބެއްގެ ގޮތުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅި އިރު، އެންމެ ބޮޑު ކުށުގެ އަދަބަކަށް އޮތީ، ހަނގުރާމަށް ދާފަރާތްތަކަށެވެ. އެފަރާތްތަކަށް ބިލުގައި 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޮތް ނަމަވެސް މިހާރު ވަނީ ބިލު ދިރާސާކޮށް ކޮމިޓީން އެ އަދަބު ލުއި ކޮށްދީފައެވެ.

މި ބިލާއި ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހުން ހަމަޖެހިފައިވަނީ އަަންނަ ހަފްތާގެ ހޯމަ ދުވަހުގައެވެ.