ރާއްޖޭގައި މިހާރު މުޅިން އަލަށް އުދުހެން ފަށާފައިވާ މަންޓާ އެއާގެ 2 ސީޕްލޭން އަންނަ ހަފްތާގައި ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މަންޓާ އެއާއިން ބުނެފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ދެ އެއާކްރާފްޓު ކެނެޑާއިން ރާއްޖެ ގެންނާނެއެވެ. 16،000 ކިލޯމީޓަރުގެ ދަތުރެއް ކޮށް މުޅިއަކު 7 ތަނަކަށް މި ބޯޓު ރާއްޖެ އައުމުގެ ކުރިން މަޑު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން މިމަހުގެ ފަހު ކޮޅުގައި އިތުރު 3 ސީޕްލޭން ގެންނާނެ ކަމަށްވެސް މަންޓާ އެއާލައިނުން ބުނެފައިވެއެވެ. އެ ކުންފުނީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 10 ސީޕްލޭނުގެ ފްލީޓެއް މަންޓާގައި އޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާއަކީ ރާއްޖޭގައި ސީޕްލޭން ބޭނުން ކުރަންފެށި 3 ވަނަ އެއާލައިނެވެ. މި އެއާލައިނުގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރިސޯޓުތަކަށް ކުރާ ސީޕްލޭން ދަތުރުތަކުގެ އިތުރުން، މަންޓާއިން މިހާރު ދަތުރުކުރަނީ ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓަށާއި ބ.ދަރަވަންދޫ އެއާޕޯޓަށެވެ. ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ 3 މަތިންދާ ބޯޓެވެ.

މަންޓާ އެއާލައިނަކީ މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެއާލައިނުކަން ފާހަގަކޮށްލެވެއެވެ.