ޓުއަރިޒަމް މިނިސްޓްރީގެ އިސް މަޤާމެއްގައި މަސައްކަތް ކުރައްވާ އަލީ ހާޝިމް (ސްމިތު) ގެ މައްޗަށް ދައުލަތުން ކުރި ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް، ގެންގުޅުމުގެ ކުށުގެ ދައުވާއިން އޭނާ ސަލާމަތްވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ސްމިތާއި އިތުރު މީހަކުގެ މައްޗަށް 2013 ވަނަ އަހަރު ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި، ހުޅުމާލޭ ފިތިރޯނުމަގުން ސައިކަލެއްގައި ދަމުން، ފުލުހުން އަންނަތަން ފެނުމުން އަތުގައި އޮތް ދަބަހެއް ހުޅުމާލޭ ވަލުތެރެއަށް އެއްލާލުމުން، ފުލުހުން ގޮސް ބެލިއިރު އެ ދަބަހުގައި ބަނގުރާ ހުރުމުންނެވެ.

ސްމިތުގެ މައްޗަށް މި މައްސަލާގައި ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވަނީ ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހާއި، ތަހުގީގު މަރުޙަލާގައި ދިން ބަޔާނުގައި ފުށޫ އެރުންތަކެއް ހުރިކަމަށް ބުނެއެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގައި، ފުލުހުން ބުނެފައިވަނީ ސްމިތާއި، އިތުރު މީހަކު ސައިކަލުގައި ދަމުން އެ ދަބަސް ވަލުތެރެއަށް އެއްލާލި ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގު ބަޔާނުގައި ވަނީ، އެ ދެމީހުން ވަލުތެރޭގައި ދަބަސް ބާއްވާފައި ސައިކަލަށް އެރިތަން ފުލުހުންނަށް ވަނީ ފެނިފައެވެ. މިކަމަށް ރިއާޔަތްކޮށް އެ މައްސަލަ ބެއްލެވި ޤާޒީ، ރަޝީދު ހުސައިން ނެރުއްވި ހުކުމްގައި ވަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކަން ހިނގިކަން ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޑިރެކްޓަރެއްގެ ގޮތުގައި މިހާރު ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ސްމިތަކީ އެމްޑީޕީގެ ޙަރަކާތްތެރި އެކްޓިވިސްޓެއްގެ ގޮތުގައި ފެށުނީއްސުރެން ފާހަގަކުރެވިފައިވާ ފަރާތެކެވެ. އޭނާ ވަނީ މީގެ ކުރިން ބައެއް މައްސަލަތަކުގެ ތަހުގީގަށް ހައްޔަރުކުރެވިފައެވެ.

އެގޮތުން 2012 ވަނަ އަހަރު ޑިސެމްބަރު ތެރޭގައި އަވަހާރަކޮށްލެވުނު މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ސްމިތު ހައްޔަރު ކުރެވުނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައިގައި ސްމިތުގެ ބައިވެރިވުމެއް އޮތް ކަމަކަށް ތަހުގީގަށް ފެނިފައި ނުވާތީ، އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއް ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އޭނާ ހައްޔަރު ކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަސްވަރު ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށްވާ ސިއްދީޤަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ފުލުހުން ވަނީ ފަހުން ސްމިތު ދޫކޮށްލާފައެވެ. އެ މައްސަލައިގައި ސްމިތު ދޫކޮށްލަން ނިންމި ނިންމުން ދިޔައީ ރަނގަޅަށް ނޫން ކަމަށް ދޭހަވާ ގޮތަކަށް ސަރުކާރުގެ ހޯމް މިނިސްޓަރު، ޝެއިޙު އިމްރާން އެދުވަސްވަރު މީޑިއާތަކުގެ ކުރިމަތީގައި ވިދާޅުވިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓު، ސްމިތަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މަތީ މަޤާމެއް ރައީސް ޞާލިހު ދެއްވާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަލިއާ

  ދެން މިއަދުގެ ސަރުކާރުގެ ތިޔަފެންވަރުގެ މީހަކަށް ހުކުމެއް ކޮއްލަން ކެރޭނެ ގަޒީއަކު އަމުދުން މި ފަސް އަހަރުގަ ނުހުންނާނެ، މިއޮތީ އިންސާފު ގެންނަ ސަރުކާރު އައިސްފަ! ހަހަ ހަހަ ހާ...

  32
  1
 2. ޢަލޫ

  ޢެހެންވީމަ ސަރުކާރުގެ މާގާމު ދިންއިރު ކޯޓްގައި މައްސަލަ ކުރިޔަށް ދިޔައެންނު.

  48
 3. ހިކުމަތްތެރި ކާފަ މީދާ

  އެ އޯކޭވާނެ.. އެސޮރު ވެދާނެ ބަލި ސޮރަކަށް

  29
 4. ކާފަދ

  2011 ގެ ކަމެއްވީމަ މިހާރު އޮންނާނީ އެވަޕޮރޭޓްވެ ނިމިފަ. ނިންމުމަށް 100 ދޭނަން

 5. އަހަރުދެކޮޅު

  ދިއްދޫ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމަސައްކަތަށް ހުރަސް އަޅައިގެންވެސް ސްމިތު ޖަލަށްލީ ޖަލަށްލީ ފުރިހަމަ ޢަދަދެއް ނޭނގޭނެ

 6. ފަޅޯގަހުޖިންނި

  މިކަހަލަ ގުންޑާއިން މިސަރުކާރުގައި ގިނައީ

 7. އަސްތާ

  ގްރޭޑް 6 ކުން ކަނޑާލީ ނުލަފާކަމުން ޓީޗަރުންނަށް އޮބިނޯވެގެން. 6ކުން ފާސްނުވެގެން 2 އަހަރު ދިއްދޫ ސްކޫލުގައި ރިޕީޓް ކޮފާ ސްކޫލުން ކަނޑާލީ. ޢޭގެފަހުން މާލޭގައި ލާޗާރު ބިޗާރަށް ތެލުނީ އުޑެއް ބުޑެއްވެސް ނުދަންނާނެ .

 8. ސަޓޯ

  މިއީ ވަރަށް ނުރައްކާތެރި ނުލަފާ ރީނދޫ ގުންޑާއެއް