މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް މަހުޒޫމް ސަލީމް، ޝަބްނަމްގެ ކ. ކާށިދޫ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީރާގެ ހުސްވެފައިވާ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލީހަށް ފޮނުއްވާފައި ވަނީ މަހުޒޫމް ސަލީމް އާއި އިސްމާއިލް ސާޖިދެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާފައި ވަނީ މަޚްޒޫމް އަށެވެ. ކޮމިޓީން ނަންތައް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީ މަޖިލީހަށް ފޮނުވީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މީރާގެ ޑިރެކްޓަރުންގެ ބޯޑަށް، ގާނޫނީ ވަކީލު އަލްއުސްތާޒު މަހުޒޫމް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މަޖިލީހުގައު ހާޒިރުވެ ތިބި ހުރިހާ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މަހުޒޫމްގެ ނަން ފާސްވުމުން މަޖިލީހުން އިސްމާއިލް ސާޖިދަށް ވޯޓެއް ނަގާފައެއް ނުވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.

މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.