ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ވައްކަމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ބޮޑު ކަމަށާއި، އެ ބޭންކްގެ މައްސަލަ ބެލުން އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅުއްވެވި ގަރާރެއްގައި ޖާބިރު ވިދާޅުވެފައި ވަނީ މިހާތަނަށް ކުރެވުނު ތަހުގީގު ތަކުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ބީއެމްއެލްގެ އިހުމާލު ބޮޑުކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ކުރިއަށް ގެންދެވިފައިވާ ތަހުގީގު ތަކުންނާއި، އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ ޝަރީއަތުގައިވެސް އެހިޔާނާތް އެގޮތަށް ހިންގުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ހާމަވެގެން ގޮސްފައިވީ ހިނދު،" ޖާބިރު ހުށަހެޅުއްވެވި ގަރާރުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ގަރާރުގައި ޖާބިރު ވިދާޅުވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަނީ އެތަނުގެ ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ކަމަށާއި، މިގޮތަށް ދޫކުރާ ލޯނުތަކުގައިވެސް އެބޭންކުގެ ނުފޫޒުގަދަ ފަރާތްތަކުގެ ޖީބަށް ފައިސާ ވަންނަ ގޮތަށް އަމަލުތައް ހިންގަމުން ދާކަމުގެ އަޑުގަދަވެފައި ވާކަމަށާއި، އަދި އެއީ ދިވެހިންގެ ބޭންކުން އަމަލު ކުރަންވީ ގޮތް ނޫން ކަމަށް އެގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި އެފަރާތްތަކުގެ މައްޗަށް މިހާރުން މިހާރަށް ތަހުގީގެއް ފަށައި، އެކަމުގެ އަޑީގައި ތިބި މީހުންނާއި މެދު ފިޔަވަޅު އެޅުން އަވަސްކުރުމަކީ މުހިންމު ކަމެއް ކަމަށް ޖާބިރުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައެެވެ. އެ ހިޔާނާތުގެ ފައިސާ ބައެއް ރައްޔިތުންގެ މަޖިލީސް މެންބަރުންނަށާއި، ބައެއް ފަނޑިޔާރުންގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނަށް ލިބިފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.