މިއަދު އުތުރުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، އަދި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ޅ.އަތޮޅާއި ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާޢި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.