މޫސުން ގޯސްވުމުން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ހުދު ސަމާލު ނެރެފައި ވަނީ ނ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު 01:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

އިރާއި އިރުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީވެ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދިވަޑައިގަންނަވައެވެ.