ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރަކީ ވެސް ބޭނުންތެރި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ދައުރެއް ކަމަށާއި، ކުރެވިފައިވާ މަސައްކަތްތަކަށް މާކްސް އެއް ދެންޏާ، ދޭނީ ބީ ޕްލަސް އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ނަމުގައި މިރޭ ރައީސް ނަޝީދާއި ސުވާލު ކުރެއްވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި، ނިމިދިޔަ ދައުރުގައި ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ ދައުރުގައި ރައްޔިތުންނާއި ގުޅުންހުރި ގިނަ އަދަދެއްގެ މަސައްކަތްތަކަކާއި، ޤާނޫނުތަކެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކުރުމަށް މިދިޔަ 2 މަސް ތެރޭގައި ކޮންމެ ދުވަހަކުވެސް 8 ގަޑިއިރަށްވުރެ ގިނައިރު މަޖިލީހުގެ ތަޅުމުގައާއި، ކޮމެޓީތަކުގައި މަޖިލިސް މެންބަރުން މަސައްކަތްތައް ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ، ސުވާލަކީ ބީ ޕްލަސް އެއްތޯ، އެއަށްވުރެ މައްޗަށް ދޭތޯ. ދެން އަދި އަޅުގަނޑެމެންނަށް މިއުޅެނީ 1 އަހަރުވެސް ނުނިމިގެން. އަޅުގަނޑަށް ފެންނަނީ ހަމަ ތިބި ވަރުގައި ތިބެން. ބީ ޕްލަސް އެއްގަ އަދިވެސް އަޅުގަނޑުމެން ތިބޭނީ."

ނިމިދިޔަ ދައުރުގެ ތެރޭގައި ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ވަކިން ޚާއްސަކޮށް، މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު އިސްލާހު ރައީސް ނަޝީދު ފާހަގަކުރިއެވެ. މަހުގެ އަގު އުފުލުމަށްޓަކައި ވިޔަފާރީގެ ގޮތުން ގެނެވުނު ބަދަލްތަކާއި، ހުޅުވާލައިގެން މަސްވެރިކަން ކުރަން އެ ޤާނޫނަށް ބަދަލްތަކެއް ގެނެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ދައުރުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވިފައިވާ ބަދަލާއި، ބަޖެޓް ފާސްވެފައިވާ ވުމާއި، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސްވެފައިވާ ކަމަށާއި، ޖުޑީޝަރީ އިސްލާހު ކުރުމުގެ ގޮތުންވެސް މިދިޔަ ދައުރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖުޑީޝަލް އެޑްމިންސްޓްރޭޝަން، ސުޕްރީމް ކޯޓުގެ ތެރެއިން ނެގުމާއި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ކަހަލަ ގޮތަކަށް ބަދަލްކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިދިޔަ 5،10 ވަރަކަށް އަހަރެއްގެ ތެރޭގައި ޖުޑީޝަރީއާއި ގުޅޭގޮތުން ފާހަގަވެފައިވާ ގިނަ ކަންކަމާ ގުޅޭ މަސައްކަތްތައް ނިމިދިޔަ ދައުރުގެ ތެރޭގައި ކުރެވިއްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަރުން

    0 %

  2. ހުއްޓުވާ

    މިއީ އަސްލު ކޮރަޕްޝަން، ސަރުކާރުގެ ވަސީލަތްތަކާއި ސަރުކާރުގެ ނިޒާމާއި މަޤާމުގެ ނުފޫޒު ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް އަމިއްލަ މީހާގެ އަހައްމިއްޔަތު އިސްކޮށް އަމިއްލަ ފައިދާއަށްޓަކައި ތިމާ މަޝްހޫރުވުމަށާއި ތިމާ ޕްރޮމޯޓްވުމަށާއި ތިމާ މީ މާމަޤްބޫލު މީހެއްކަމަށް ދެއްކުމަށްޓަކައި ތާއަބަދު 24 ގަޑި އިރު ތިމާ ނޫން މީހެއްގެ ހަބަރު ނޫސްތަކުގެ ފަލަ ސުރުހީތަކުން ނުދެއްކުމަށް ރޭވިގެން ހިންގާ ޖަރީމާއެއް. ކެމްޕެއިން ކުރުމުގެ ނިޔަތުގައި ކުރާކަމެއް. މިކަން ޖެހޭ ހުއްޓުވަން އަދި މިފަދަ އަމަލުތަކަކީ ޖިނާއީ ކުއްތަކަކަށް ހަދައި އަދަބު ލިބެންޖެހެ. ސަބަބަކީ މިފަދަ ކަމަކުން ރައްޔިތުންނަށް އެއްވެސް ފައިދާ އެއްނުވާއިރު ރައްޔިތުންގެ ފައިސާ އެ ބޭކާރުގޮތުގައި ހަރަދު ކުރަނީ އަމިއްލަ މަސްލަހަތައް. މިއީ ކޮރަޕްޝަންގެ އަމަލެއް. މިއީ ބަންޑާރަ ކަފަ އަމިއްލަ ބާލީހަށްލުން. އޭ.ސީ.ސީ އިން މިކަން ހުއްޓުވަންޖެހޭ.