ސްކޫލް ކުދިންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ ބޭނުމުގައި "އަލްކައުން"ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "އަލް ކައުން އިންޓާރ ސްކޫލް ޤުރުއާން މުބާރާތް" ފަށައިފިއެވެ.

މިއަދު ހެނދުނު 8 އިން ފެށިގެން މި މުބާރާތް ކުރިއަށްދާއިރު، ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނީ ދަންފަޅިތަކަކަށް ބަހާލައިގެން ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީއިން މައުލޫމާތު ދެއެވެ.

މި މުބާރާތުގެ ދަންފަޅިތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު އަށަކުން މެންދުރު 12 އަށާއި މެންދުރު އެކަކުން ތިނަކަށެވެ. އަދި ހަވީރު ހަތަރަކުން ހަޔަކަށެވެ. ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ އަށަކުން 11 އަށެވެ.

"ހުކުރު ދުވަހަކު މުބާރާތެއް ނޯންނާނެ. އެ ދުވަހަށް މެދުކަނޑާލާފައި ދެން އަނެއްކަވެސް ކުރިއަށްގެންދާނީ" ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމް ކުރާ ކޮމެޓީގެ ބޭފުޅަކު ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ މި މުބާރާތުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގެ ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައިއެވެ. މިގޮތުން މި މުބާރާތުގައި 65 ސްކީލަކުން ޖުމްލަ 915 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ރިކޯޑިން ރޯދަމަހު "އަލްކައުން" އިން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ހަތަރު އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުން އެއްވަނަ ހޯދާ ކުއްޖަކަށް "އަސްކޮއި ހައްޖު ޢުމްރާ" އިން ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުﷲ

    މާޝާﷲ ވަރަށް ރަގަޅު ކަމެއް ޤުރްއާން މުބާރާތް ބާއްވާ ޤުރްއާނަށް އަހުލުވެރިކުވުމަކީ.
    ވަގުތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ މިކަހަލަ ހަބަރު ގެނެސްދޭތީ

  2. މުހައްމަދު

    އިންސާފުވެރިކަމާއެކު ގެންދިޔުން އެދެން

  3. މަރީ

    ބައެއް ކުދިން ކިޔަވާލެއް ހާދަ ލޯތްބޭ، އަލްކައުނުން ތިޔަކުރައްވާ ކަންތައްތައް ހެޔޮހިތުން ބަލައިގަންނަން

  4. ޔޫސޭ

    915 މާޝާ ﷲ ހާދަ ބައިވަރެކޭ. ގައުމީ މުބާރާތުގަވެސް ބައިވެރިވެފަވަނީ 400 ކޮންމެސް ވަރެއް، ވަރައް އުފާވެއްޖެ މިހާ ގިނަކުދިން ބައިވެރިވީމާ

  5. ފާތުން

    ﷲއިރާދަކުރެއްވިއްޔާ އަލްކައުން ދާނީ ކުރިއަށް، ވަގުތު ނޫހަށް މަރުހަބާ، އޮންލައިން ޕާޓްނަރަކަށް ވީތީ. ޝުކުރިއްޔާ