ތޫނު އެއްޗެހިން ހަމަލާދީ ޔާމީން ރަޝީދު މަރާލުމުގެ ކުރިން ޔާމީނަށް ހިމާޔަތް ދިނުމުގައި ދައުލަތުން އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓަށް ބެލުމުގެ އިހްތިޞާސް ލިބިގެންވާކަމަށް ޔާމީންގެ ބައްޕަގެ ފަރާތުން ޤާނޫނީ ވަކީލް ހުސްނުއްސުއޫދު ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދު މަރާލުމުގެ ކުރިން ޔާމީނަށް ހިމާޔަތް ދިނުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ ޔާމީންގެ އާއިލާއިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ބާއްވާފައިވަނީ އިސްތިއުނާފުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

މި މައްސަލަ އިސްތިއުނާފުގެ ޝަރީއަތަށް ޔާމީން ބައްޕަގެ ފަރާތުން ވަޑައިގެންނެވީ މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއްސުއޫދުގެ އިތުރުން ހިސާން ހުސައިންއެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހަޅަމުން މައިގަނޑު 3 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނީ ޤާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި، އެ މައްސަލަ ބެލުމުގެ އިހްތިޞާސް ސިވިލް ކޯޓަށް ލިބިގެންވާކަމަށް، އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) މައްސަލަ ހުށަހެޅުމަށް ސިވިލް ކޯޓުން އެންގި ނަމަވެސް މުއައްސަސާއެއްގެ އިހުމާލުން ލިބިފައިވާ ގެއްލުމުގެ ބަދަލު އެންއައިސީ އަށް ނަގައި ނުދެވޭނެކަމަށާއި، ސިވިލް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް އިޖުރާއީ ނުކުތާއެއް ނަންގަވައި މައްސަލައިގައި މިފަދަ ހުކުމެއް ކޮށްފައިވަނީ މައްސަލައިގައި ހިމެނޭ ދެ ހަސްމުންކުރެ އެއްވެސް ހަސްމެއްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައި ނުވަނީސް އަދި މި މައްސަލައިގައި ސިވިލް ކޯޓުގައި އެތައް އަޑު އެހުންތަކެއް ކުރިއަށް ގެންދިއުމަށް ފަހުކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ހުސްނުއްސުއޫދު ވިދާޅުވީ، މަދަނީ ކޮންމެ މައްސަލައެއް ސިވިލް ކޯޓަށް ބެލޭނެ ކަމަށާއި، އިހުމާލުގެ ކޮންމެ މައްސަލައެއްވެސް އެއްވެސް އިސްތިސްނާއެއް ނެތި ބެލުމުގެ އިހްތިޞާސް އެ ކޯޓަށް ލިބިގެންވާކަމަށެވެ. މީގެ އިތުރުން މީހެއްގެ ހައްޤަކަށް އުނިކަމެއް ލިބިއްޖެ ކޮންމެ ހާލަތެއްގައި އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލަތައް ކަމުގައިވެސް ސުއޫދު ވިދާޅުވިއެވެ.

މި މައްސަލައިގައި ސުއޫދު އިތުރަށް ވިދާޅުވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ބެލޭނީ ވަކި ވަކި ފަރުދުންގެ މައްސަލަތައް ކަމަށާއި، އެންއައިސީ އަށް ބަދަލު ހޯދައިދިނުމުގެ ބާރު ލިބިގެން ނުވާކަމަށެވެ. އަދި ކޯޓުގެ ބާރު ދޫކޮށްލާގޮތަށް އެއްވެސް ކޯޓަކަށް އެއްވެސް ޤާނޫނެއް މާނަ ނުކުރެވޭނެކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ މައްސަލަތައް މީގެ ކުރިން ސިވިލް ކޯޓުގައި ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ބައްޕަގެ ފަރާތުން ހުސްނުއްސުއޫދު މި މައްސަލަ ހުށަހެޅުން، ދިފާއުފައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލާ، މާޝާ ވިދާޅުވީ، ޤާނޫނަކުން ކޮމިޝަނެއް ނުވަތަ ޓްރައިބިއުނަލަކުން ވަކި މައްސަލަތަކެއް ބެލޭނެކަމަށް ކަނޑައަޅާފައިވާނަމަ، ފުރަތަމަ މަރުހަލާގައި އެފަދަ މައްސަލަތައް ހުށަހެޅޭނީ އެ ކޮމިޝަންތަކާއި ޓްރައިބިއުނަލްތަކަށް ކަމަށެވެ. އަދި ކޯޓަށް އެފަދަ މައްސަލަތައް ހުށަހެޅޭނީ އެތަންތަނުން މައްސަލަ ބަލާ ނިމުމުންކަމަށްވެސް މާޝާ ވިދާޅުވިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ބެލޭނީ ވަކި ވަކި ފަރުދުންގެ މައްސަލަތައްކަމަށްބުނެ މައްސަލަ ހުށަހެޅި ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ މާޝާ ވިދާޅުވީ، ފުލުހުންނަކީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައިވެސް، ފުލުހުންނަށް ކުރާ އަމުރުތައް ތަންފީޒު ކުރުމުގައިވެސް ވަކިވަކި ފުލުހުން ޒިންމާވާންޖެހޭ ބަޔަކަށްވާތީ، މި މައްސަލައިގައި އިހުމާލުވާނަމަ އެ ފުލުހުންގެ މައްސަލަވެސް އެންއައިސީއަށް ބެލޭނެކަމަށެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށާއި ފުލުހުންގެ އިންޓެގްރިޓީއަށް މައްސަލަ ހުށަނާޅާ ސީދާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ޤާނޫނުން އެތަންތަނަށް ލިބިގެންވާ ބާރު ކެނޑިގެންދާކަންވެސް މާޝާ ފާހަގަ ކުރެއްވިއެވެ.

ޔާމީން ބައްޕަ ހުސައިން ރަޝީދު ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ ޔާމީން މަރާލުމުގެ ކުރިން، އޭނާއަށް އެކި ގޮތްގޮތުން އިންޒާރުތައް ދިން މައްސަލަ ފުލުހަށް ހުށަހެޅުމުން އެކަމުގައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ނިންމީ ފުލުހުން އަމަލުކުރި ގޮތާ މެދު ޝަކުވާއެއް އޮތް ނަމަ އެ މައްސަލައެއް ބެލުމަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް އޮތް ބާރެއް ކަމަށެވެ.

ޔާމީންގެ އާއިލާއިން އެންއައިސީ އަށް މައްސަލަ ހުށަހަޅާފައެއް ނުވެއެވެ. ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ހަތް މީހަކަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުން ނިންމަވާލައްވަމުން މައްސަލަ ބެއްލެވި ބެންޗުން ވިދާޅުވީ، މި މައްސަލައަށް މިއަދަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން މިއަދަށް ނިންމާލަނީ ކަމަށާއި، ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތުން އިތުރަށް ދައްކަންހުރި ވާހަކަތައް ދެއްކުމަށް ފުރުޞަތު ދެއްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލީ

    މި އާއިލާ މީ އަނެއްކާ މާވަރުގަދަ ޤާނޫނީ ވަކީލުންގެ ފެމެލީއެއްބާ ؟؟؟

  2. ބޮލި މުލައް

    ހަހަހާ މަސްހޫރޭ ކިހިނެތް ތި ވަކީލުން މަސްހޫރީތަ؟ ފިތުނައެއް ޤައުމުގަ އުފެދޭ ކޮންމެ ކަމެއްގަ މަސްހޫރު.

  3. ޕިންކީ

    ލޮލީގެ ފެމިލީ މެމްބަރ އެއްވެސް ގެއްލުނީމަ އެނގޭނީ އެމީހުންގެ އިހްސާސްތަކާ، ވާނެގޮތް.

  4. ހައްގުބަސް

    ތިކަހަލަ މުރުތައްދުންގެ ހިމާޔަތުގައި ނިކުންނާނީ ވެސް އެމީހުންގެ ތެރޭންވާ މީހުން!

  5. އަހުމަދު

    ޔާމީނުއަކީ ފަސާދަކޮށް މާތް ﷲ އަށް ފުރައްސާރަކުރި އިންސާނެއް. ޑިމަކުރަސީގައިވެސް ދީންތަކަށް ފުރައްސާރަ ކުރުން މަނާއިރު ކީއްވެބާ ފުއްޕާހަމުގެ މީހުން މީނައަށް ސަނާ މިކިޔަނީ؟ ހާއްސަކޮށް ޑިމަކުރަސީއަށް ތާއިދުކޮށް އަޑުއިފުލާމީހުން މި ފުރައްސާރަކުރާ މީހާގެ އަމަލުތައް ރަނގަޅުކުރަނީ؟