ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް ވެކްސިން ދިނުން ލާޒިމް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ހުރި ބަލިތަކުގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކަށް، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ އިތުރުން ރާއްޖެއަށް މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަށް ވެކްސިން ދިނުމުގެ ކަންތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިހާރު ހުރި ނިޒާމުގެ ތެރެއިން ބިދޭސީންނަށްވެސް ވެކްސިން ދެވޭނެ. އަޅުގަނޑުމެން ލާޒިމް ކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާއި އަދި ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭން ޖެހޭ ވެކްސިން ދެވިފައި ހުރި ބައެއް ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ހިމަބިހީގެ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި އެކަމަށް މިހާރު މިނިސްޓްރީ އާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބިދޭސީންނަސް ވެކްސިން ދިނުން ލާޒިމް ކުރުމަށް ވިސާ ދޭ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަން ލާޒިމް ކުރުމުގައި ވިސާ ދޭ ޕްރޮސެސް އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ މަސައްކަތް ކުރާނަން. އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެންގެ އަސާސީ އަމާޒު މިހުރީ މިހާރު މި ކުރިމަތިވާ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ކަންތައްތަކަކީ އެފަރާތުން ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

ހިމަ ބިހި ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލެވިފައިވާއިރު، މީގެ 3 ދުވަސް ކުރިން އެބަލި ރާއްޖޭގައި އޮތް ކަމަށް ބުނެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ދިވެހިންނައް ވުރެ ބިދޭސީން ތޯ ސަރުކާރައް މުހިއްމީ. އެހެންވީޔާ ދެން ދިވެހިން ވޯޓް ލާނެކަމެއް ނެތް ސަރުކާރު ހޮވާކައް. ދިވެހިންގެ ގަޔައް ވެކްސިން ޖަހާފަ ބާކީ އޮތީޔާ. ދެން ބިދޭސީންނައް ވިއްކާ ބަލަ ބޮޑުއަގު ވެކްސިން.

  2. އަހުމަދު ސިއްޙަތު

    ޙެލްތު މިނިސްޓަރު ފުރަތަމަ ބައްލަވަން ވީނޫންތޯ ތިޔަ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން!
    ޢެމީހުންވެސް ތިބީ ވެކްސިން ނުޖަހާ! ރާއްޖެއަށް އައުމުގެ ކުރިން ޖަހަން މަޖުބޫރު ވެކްސިން ވެސް ނުޖަހާ އެބައުޅޭ ސިއްހީ ދާއިރާގަ މަސައްކަތް ކުރަން.