ވެބްސައިޓް އަދި އެޕްލިކޭޝަން ފަރުމާކުރުމުގައި ބޭނުންކުރާ ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭ ކޯހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.

ކުރު މުއްދަތަކަށް "އިންޓްރަޑަކްޝަން ޓު ކޮމްޕިއުޓާ ސައިންސް އެންޑް ޕްރޮގްރާމިން ޔޫޒިން ޕައިތަން" ގެ ނަމުގައި ކުރިއަށް ގެންދާ ކޯސް އަމާޒުކޮށްފައިވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށެވެ. އެގޮތުން 20 ކުދިން މި ކޯހުގައި ބައިވެރިވެފައިވާ ކަަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

މި ކޯސް، އެމްއެމްއޭއިން ކުރިއަށް ގެންދިއުމަށް ވަނީ ހިލޭއެވެ.

މި ކޯސް ފެއްޓުމުގެ ގޮތުން ކޯހުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ނިޒާމުގެ ކުރިއެރުން ގުޅިފައިވަނީ ޓެކްނޮލޮޖީއާއި ކަމަށެވެ.

އޭނާ ވަނީ ވަކިން ހާއްސަކޮށް ގައުމީ ޕޭމެންޓް ނިޒާމެއް ގާއިމު ކުރެވުމުން ޕްރޮގްރާމަށް އޮންނަ ޑިމާންޑް މިހާރަށް ވުރެ އިތުރުވާނެ ކަން ފާހަގަކޮށްފައެވެ.

"ތިޔަ ޒުވާނުންނަކީ މިގައުމުގެ އާ ޖީލު. ޒުވާނުންގެ ވިސްނުން ބައްޓަން ކުރަން ވަނީ އާ އަމާޒަކަށް" ކޯހުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ފަންނީ ބޭފުޅުން ކިޔަވައިދޭ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނުވަ ހަފްތާއަށެވެ.