ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ވާދަ ކުރާ ފަރާތްތައް ހޮވުމަށް ބާއްވާ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ބުނެފައިވާގޮތުގައި، އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްދަނީ ތިން ދާއިރާއެއްގައެވެ. އެއީ މާލެ، މާފަންނު ހުޅަނގު އުތުރާޢި، އދ. މާމިނގިލި، އަދި އދ. ފެންފުށީގައެވެ.

ކައުންސިލް އިންތިހާބުގެ ޕާޓީތަކުގެ ޕްރައިމަރީތައް މިހާރު ދަނީ ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމުން ވަނީ ބާއްވާފައެވެ.

ޖޭޕީން ބުނީ، މެންދުރު 2:30 އިން ފެށިގެން ވޯޓްލުން ކުރިއަށްދާ ކަމަށެވެ. އަދި މިރޭ 9:00 ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި، ވޯޓު ގުނުމުގެ ކަންތައް ކުރިއަށްދާނީ ވޯޓު ފޮށި ބަންދު ކުރާތާ ބައިގަޑިއިރު ފަހުން ކަމަށް ޖޭޕީން މައުލޫމާތު ދެއެވެ.

އެ ޕާޓީން ބުނީ، ވޯޓު ލުމުގެ ވަގުތު އިތުރު ކުރީ ވޯޓުލުމަށް އަންނަ މީހުން އިތުރުވަމުން އަންނާތީ އާއި، މާމިގިލީގައި ވޯޓު ފޮށި ފުރި އިތުރު ވޯޓު ފޮއްޓެއް އެރަށަށް ފޮނުވަން ޖެހުމުން ކަމަށެވެ.

ޖޭޕީގެ ޕްރައިމަރީގައި މާލޭގައި ތިން ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. އަދި މާމިގިލި އަދި ފެންފުށީގައި ބަހައްޓާފައި ވަނީ އެއް ފޮއްޓެވެެ.