އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެއްވެސް އެއްޗެއް ރަށުން ބޭރަށް ނުގެންދާ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް ގެނެސްފައިވާ ސާމާނުތަކެއް އަނބުރާ ގެންދަން އުޅޭ ކަމަށް ބުނެ ވީޑިއޯއެއް މިއަދު މީސް މީޑިއާގައި އާއްމުވުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މި ވާހަކަތަކާ ގުޅިގެން ސޯބެ ވިދާޅުވީ އައްޑޫ ހޮސްޕިޓަލަށް ގެނައި އެއްވެސް އެއްޗެއް އަދި އައްޑޫގެ ކުރީގެ ހޮސްޕިޓަލުގައި ހުރި އެއްވެސް އެއްޗެއް ވެސް ރަށުން ބޭރަށް ނުގެންދެވޭނެ ކަމަށާއި ސަރުކާރުން ވެސް އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ.

"އާގަލާ ބޯޓުން މާލެ ގެންދަނީ ހޮސްޕިޓަލްގެ މެޑިކަލް އިކުއިޕްމެންޓްސް ސަޕްލަޔާ މެޑިޓެކް އިން އައްޑޫ ހޮސްޕިޓަލުގެ މަސައްކަތަށް ގެނެސްގެން ހުސްވި ތިން ސިލިންޑަރ" ސޯބެ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ދުވަހު ޚިދުމަތް ދޭން ފެށި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ގިނަ ވަސީލަތްތަކެއް ހުރި ހޮސްޕިޓަލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު މަސައްކަތުގެ ބޮޑުބައި ނިމި، ބޭނުންވާ ވަސީލަތްތަކަށް ހުރީ އޯޑަރު ވެސް ކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވޭވަރުވީ މިސަރުކާރު ވެރިކަމަށް އައިތާ އަހަރަކަށް ވުރެ ވެސް ގިނަ ދުވަސް ވީފަހުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފުރަތަމަ ސީޓީ ސްކޭން ހެދުމާއި ކާޑިއޯގެ ހިދްމަތް ވެސް ލިބޭނެއެވެ. މީގެ އިތުރުން އީއެންޓީ ހިދްމަތާއި، ދަތުގެ ފަރުވާގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސައިކެޓްރިކް އަދި އަލްޓްރާ ސައުންޑްގެ ހިދްމަތް ވެސް މިހާރު ވަނީ ދޭން ފަށާފައެވެ. އަދި އޯތޯ ސާޖަން އަދި ފިޒިއޯތެރަޕީގެ ހިދްމަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    މަހީކުރީ ވާރުތަ މަގާމުން މިސޮރު މިހާރު ނޫޅޭކަމަށް!

  2. ލަބީބު

    ކަލޭ ނުބުނާނެ ގެންދާވަހަކައެއް! ކަލެއަކީ ފިތިފަހުރި މީހެއް!