ދައުލަތުގެ ބަޖެޓުގެ ދަތިކަން ހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރުން އިބްރާހިމް ނަސީމް ވަރަށް ބޮޑަށް މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީން ބޭނުންވާ ކަންކަން ހިމަނައިގެން ބަޖެޓު ފޮނުވުމުން މަޖިލިހުން އެ ބަޖެޓު ފާސްކޮށްދީފައި ވަނީ މިނިސްޓްރީން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ކަމަށެވެ. އަދި "އެންމެ ލާރިއެއް" ވެސް އުނި ނުކޮށް ބަޖެޓު ފާސްކޮށް ދިނުމުން، ބަޖެޓުގެ ދަތިކަން ހުރިއޭ ވިދާޅުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި އަމީންއާ އެކު މީގެކުރިން ބޭއްވި ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ކަމުން މިދިޔަ އަހަރު ސަރުކާރުން ބޭނުންވާ ގިނަ ކަންކަން ނުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެއްވާނެ ކަމަށް އަމީން ވައުދުވެވަޑައިގެންނެވި ކަމަށް ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން ދާއިރާގައި ހިމެނެނީ، ތުލުސްދޫ، ދިއްފުށި، ހުރާ، އަދި ހިންމަފުށި. އަޅުގަނޑުމެން ދާއިރާ އަށް ދުވާ އެމްބިއުލާންސް ފޯރުކޮށްދެވިއްޖެތޯއޭ. ވަޒީރު ވަޑައިގަތް ދަތުރެއްގައި ވިދާޅުވެފައި ވަނީ ކޮއްޕައިގެން ވިޔަސް ތިންމަސް ދުވަސް ހިފަހައްޓާލަން. މިހާރު އޭގެ ފަހުން އަހަރެއް ވަނީ. ދެން އަޅުގަނޑުމެން ޖެހޭނީ ކޮނޑުއަޅައިގެން ހިފަހައްޓާލަން،" މެމްބަރު ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހެލްތު މިނިސްޓްރީން ފޮނުވި ބަޖެޓު އެ އޮތް ގޮތަށް ފާސް ކުރިން. އެއްވެސް އެއްޗެއް އުންޏެއް ނުކުރަން. ވަޒީރު ވިދާޅުވެފައި އެބައޮތް އަޅުގަނޑާ ބައްދަލުވި އިރެއްގައި ތިމަންނާމެން 2020 ގެ ބަޖެޓުގައި ހުރިހާ އެއްޗެއް ޖަހާލާ ހައްލުކޮށްލާނަމޭ،" ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މީގެ އިތުރުން ނަސީމް ވަނީ ސިއްހީ މަރުކަޒުތަކުގައި އަދިވެސް އެކަށީގެންވާ މިންވަރާ ގާތަށްވެސް މުވައްޒަފުން ނެތްކަމަށް ވިދާޅުވެ އެކަން ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވައިފައެވެ.

މި ސުވާލުތަކަށް މަޖިލީހުގައި ވަގުތު ނެތުމުގެ ސަބަބުން މިނިސްޓަރު އަމީން ދެއްވީ ކުރު ޖަވާބުތަކެކެވެ.

އަމީން ވިދާޅުވީ ބަޖެޓުގައި ދަތިކަން އެބަހުރި ކަމަށާއި، ނަމަވެސް ބަޖެޓުގައި ހިމެނިފައިވާ ހުރިހާ ވަޒީފާއަކަށް މީހުން ނެގުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ކުރައްވާނެ ކަމަށެވެ. މިދިޔަ އަހަރު ހެލްތު މިނިސްޓްރީން އުންމީދު ކުރި ވަރަށް އެމްބިއުލާންސް ލިބިފައި ނުވާ ކަމަށާއި މި އަހަރު އެމްބިއުލާންސް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކައްޒާބު

  މިނިސްޓަރ އޮފް ހެދިކާ އެންޑް ސޮކެޓް

  23
  2
 2. ކިނބޫ

  މުޅިން ދޮގާއި އޮޅުވާލުމުގައި އޮތް ސަރުކާރެއް. ނުވަންޔާ ފައިބާ އަދި މިއީ މިއަހަރުގެ 2ވަނަ މަސް، މިއަހަރުގެ ބަޖެޓް ފާސްކުރީ އިހަކަށްދުވަހު. ހެޔޮނުވާނެ.

  15
 3. ޙައްގުބަސް

  ކަލޭމެން ދައުލަތުގެ ބަޖެޓަށް ކުރާކަމެއްނޭނގޭ!! މިދިޔަ އަހަރުވެސް 23 ބިލިއަން ރުފިޔާގެ ބަޖެޓަށް ކުރިކަމެއް ނޭނގުނު! މިއަހަރު 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެން ހަދާނަހާދާ ނޭނގޭ!! ހުރިހާ މުއައްސަސާތަކުގެ ކަރުގައި ހިފައިގެން ފިނޭންސް މިނިސްޓްރީންނާ ސަރުކާރުން މިއުޅެނީ!! އެއްވެސް ޚަރަދެއްކުރެވޭކަށް ނެތް!! ފައިސާއެއް ހަމަޖައްސައެއްނުދޭ!! ކުރާކަމެއް ނުފުނޭ! އިންތިޚާބު ބާއްވަންވެސް ފައިސާ ހަމަޖައްސައެއްނުދޭ! މިއީ ކީއްކުރާ ބައެއް! ދައުލަތެއް ހިންގަން ނޭނގި ކަންކަން މެނޭޖްކުރަން ނޭނގި މިއޮތްގެން ގައުމު ހަލާކުވަނީ!! ކޮންމެ ކަމަކަށް އިންޑިޔާ މީހުން ގެނަސްގެން މުޅި ދައުލަތުގެ ސިއްރުތަކާއި މާލީ ކަންކަމާ ބެންކުތަކުގައި ހުރި ދިވެހި ރައްޔިތުންގެ ފަރުދީ މުޢާމަލާތްތަކުގެ މަޢުލޫމާތު އެކިއެކި ނަންނަމުގަ ހޯދާ ހަދަމުން ދަނީ! މިއީ ވަރަށް ދެރަވަރު ސަރުކާރެއް! ސަރުކާރެއް ހިންގުމުގެ ގާބިލްކަމެއް ނެތް! މާލީ ކަންކަން ރެގިއުލޭޓް ކުރާކަށް ނޭނގޭ!! ހަމަ ކާން މިއެނގެނީ! ބަދަލުގެ ނަމުގައިނވައްކަން ކުރަން އެނގެނީ! މިވަބާއިން ސަލާމަތްވާންޖެހޭ!! ކޮރޯނާ ވައިރަހަށް ދޫނުކުރާ ވަބާއެއް މިއޮތީ މިރާއްޖެއަށް ފާކުރައްވާފަ! މިއީ ދިވެހި ރައްޔިތުން ހެދި ގޯސް!

  15
  1
 4. އަލީ

  ހުރިހާ ދިމާލަކުންވެސް ފެއިލް.

  15
 5. ހުސޭނުބޭ

  އެ ބުނަނީ ރައްޔިތުންނަށް ޚިދުމަތެއްކޮށްދޭން ދަތިވާ ވާހަކަ! ބަޖެޓް ދިރުވާލާކަށް ދައްޗެއްނޫން! އަދި ކަރަކުވެސް އަޅައެއްނުގަންނާނެ!

  17
 6. ތެދުބަސް

  އެކަކުންޏެއްގެ ވަރުންދޯ އެކަކުނި ހަރު ކޮންނާނީ.ކިތަށްމެ ބޭނުންވިޔަސް ނުވާކަންތަށް ތަށްވެސް ހުއްނާނެ.މިފަސް އަހަރުތެރޭ ނުވެއްޖިއްޔާ ނުވިކަމަށް ވާނީ.އަދި މާބޮޑަށް ތެޅެންޏާ ތެޅިގެންދާނީ.ބޮޑެތި ކަންތަށްތަށްވާނީ ލަހުން.

  2
  16