ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާ ކުރުމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ކަނޑުހުޅުދޫގައި ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

މީގެއިތުރުން ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެ ގާނޫނުގެ 130 ވަނަ ބާބުގައި އޮތް ކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއް ކަން އެނގި ހުރެ އެކަން ހިނގިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅުއަޅާފައި ނުވުމުގެ ކުށުގެ ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީިޖީ އޮފީހުން ބުންޏެވެ.

ކުޑަ އަންހެން ކުއްޖާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާ މުނިކާފަގެ މައްޗަށް ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިރު، އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ މުނި ކާފައަކީ 81 އަހަރުގެ މީހެކެވެ. އަދި ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވިދާޅުވީ، ކުއްޖާގެ ކާފައަށް ކުރެވިފައިވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށާއި ކުއްޖާގެ މުނި ކާފައަށް ކުރެވެނީ ޖިންސީ ފުރަައްސާރަ ކުރި ކަމުގެ ތުހުމަތު ކަމަށެވެ.

އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރު ކުރީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ކުއްޖާގެ ބައްޕަ މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލާގައި އިތުރު ބައެއްގެ އިހުމާލުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެއެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.