އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ފެށި އަލްކައުން އިންޓަރސްކޫލް ޤުރްއާންމުބާރާތް 1439 ގައި މިހާތަނަށް 600 އަށް ވުރެ ގިނަ ކުދިން ކިޔަވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އަލްކައުންގެ އޮފިޝަލެއް ވިދާޅުވީ މިއަހަރުގެ ޤުރުއާން މުބާރާތުގައި މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން ގުރުއާން ކިޔަވައިފައިވާ ކަމަށާއި ތާވަލާއި އެއް ގޮތަށް މުބާރާތުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

" ވަރަށް ފުރިހަމައަށް މުބާރާތުގެ ކަންކަން ކުރިއަަށް ދަނީ. މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ކިޔަވާފަ" އޮފިޝަލު ވިދާޅުވިއެވެ.

މި މުބާރާތަކީ ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަތިވެރި މަޤުޞަދުގައި އަލްކައުންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 65 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް އަސްކޮއި ޙައްޖު ޢުމްރާ އިން ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި މުބާރާތަކީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރ 2018 ގައި ހިމެނިފައިވާ މުބާރާތެއްވެސް މެއެވެ. މި އަހަރުގެ މުބާރާތް ހަތަރު ޢުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މުބާރާތުގައި ޖުމްލަ 914 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ރެކޯރޑިންގ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެދުވަހަކު އަލްކައުން އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ އެހީތެރި ޕާޓްނަރ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް އޭ ސީ އެލް) އެވެ. އަދި މި މުބާރާތުގެ އޮންލައިން ޕާރޓްނަރ އަކީ ވަގުތު އޮންލައިންއެވެ. މިއީ މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    އަލްކައުން ޤުރްއާން މުބާރާތް އަދިވެސް ނުނިމޭތަ؟ ހާދަ ގިނަކުދިންނޭ ދޯ!މާޝާﷲ، ތިޔާބުނީވިއްޔަ 600 އަށްވުރެ ގިނަކުދިން ކިޔަވާފިއޭ.

  2. މުހައްމަދު

    ކަލޯ ކުދިންނޭ ރަގަޅަށް ކިޔަވައްޗޭ، ތިޔައީ އެންމެ ހެޔޮ ކަންތައް.

  3. އަދުރޭ

    ހާދަ ލޯބިކުދިންކޮޅެއް. ބަސްއަހާގެން ތިބޭތި. ތިޔައީ ގައުމުގެ މުސްތަގުބަލް

  4. ތިންކް އެން ތިންކް

    ތިޔާމުބާރަތް ނިމެނީ ކޮންދުވަހަކުތޭ؟ އަލްކައުނޭ ހިތްވަރުކުރޭ... ކުދިން މަގައް އަޅުވައްޗޭ.