ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީ އެކުލަވާލުމަށްޓަކައި މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދު އިލެކްޝަން އިން ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާތައް ކުރަން ފަށާފައެވެ.

އިލެކްޝަންސް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަންނަ އިންތިޚާބުގައި ވޯޓުލެވޭ މީހުން ރަޖިސްޓްރީ އެކުލަވާލުމާއި ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާކަމަށެވެ.

މިގޮތަށް އިލެކްޝަންސް އިން ހާމަކުރިނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އިލެކްޝަންސް އިން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި، ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އަންނަ މަހު އިއުލާންކުރާނެއެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އަންނަ މަހު ވޯޓާސްް ލިސްޓް އިއުލާނު ކުރިޔަސް ރީ ރަޖިސްޓްރޭޝަން ހުޅުވާލާނީ ޖޫން މަހުގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ކުރަމުންދާ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށްވެސް އަކްރަމް ވަނީ ވިދާޅުވިއެވެ.

އިހްތިހާބަށް ގިނަ ދުވަސްތަކެއް އޮއްވައި ވޯޓާސް ލިސްޓް އިއުލާން ކުރަން ނިންމީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ބޭނުންވާ ވަގުތުު ދިނުމަށެވެ.

އަންނަ މަހު ވޯޓާސް ލިސްޓު އިއުލާންކުރަން ނިންމާފައިވާ އިރު، އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ވެސް އަންނަ މަހު އިއުލާންކުރާނެ ކަން އީސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު