ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީން ކުރުމަށް މަލަހިނި ކުޑަބަނޑޮހުގެ އިތުރުން ތިން ރިސޯޓެއް ބޭނުން ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކު އަޒީޒު އަބްދުލް އަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރަށްތައް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އެ ރިސޯޓުތައް ހިންގުން ވަނީ ހުއްޓާލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މަލަހިނި ކުޑަބަނޑޮސް، ބިޔާދޫ އައިލޭންޑް ރިސޯޓު، ނަކަތް ދިއްގިރިގެ އިތުރުން ހޮލިޑޭ އައިލޭންޑް ރިސޯޓެވެ.

މި ހަތަރު ރިސޯޓު ކަރަންޓީން ފެސިލީޓީގެ ގޮތުގައި ބޭނުން ކުރަން ފެށުމާއެކީ ކަރަންޓީން ފެސިލީޓީގެ އަދަދު ވަނީ ނުވަޔަކަށް އަރައިފައެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ ކ. ވިލިވަރުގައި ސަރުކާރުން ހަދާފައިވާ ފެސިލީޓީ، ވެލިދޫ އައިލޭންޑް ރިސޯޓާއި ފަން އައިލޭންޑް ރިސޯޓާއި ފަރުކޮޅުފުށީގެ އިތުރުން ހުޅުލެ އައިލޭންޑް ހޮޓެލްއެވެ.

ކަރަންޓީން ފެސިލިޓީއަށް ބޭނުން ކުރުމަށް ނަގާފައިވާ އެއްވެސް ރިސޯޓަކަށް ދައުލަތުން ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެއީ ރިސޯޓުތަކުގެ ވެރިން އަމިއްލައަށް ރައްޔިތުންނަށް ކޮށްދޭ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އިސްނެންގެވުމުގެ މަތިން، މިވަގުތު ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކަމެއް އެ ރަށްތައް ހުޅުވާލުމަކީ،" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މިހާރު ބައެއް ގައުމުތަކުން މީހުން އައުން ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދާއި ހަމައަށް ތިން މީހަކަށް ވަނީ ފަރުވާދީ ބަލިން ރަނގަޅުކޮށްފައެވެ. މިހާރު ފަރުވާދެނީ 10 މީހަކަށެވެ.