މިވަގުތަކީ ޓެކްސީ ޑުރައިވަރުންނަށް ވަރަށް ދަތި ވަގުތެއް ކަމުގައި ފާހަގަކޮށް ޓެކްސީ ޑުރައިވަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ޓްރާންސްޕޯޓް ވޯކާރސް ޔޫނިއަނުން ފަށައިފިއެވެ.

އެޔޫނިއުނުން ބުނި ގޮތުގައި މިވަގުތު ދަތުރުތައް ނުލިބުމުގެ ސަބަބުން ޓެކްސީ ޑުރައިވަރުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އެގޮތުން ޢާއިލާތަކުގެ ދިރިއުޅުމުގެ ޙަރަދުތައް ހަމަޖައްސައި ގެދޮރުގެ ކުލި ދައްކާނެ ފައިސާއެއް މިމަހުގައި ސަރުކާރު ބަންދުކޮށް މީހުން ގޭގައި ތިބުމަށް އެންގިފަހުން ޑުރައިވަރުންނަށް ނުލިބޭ ކަމުގައި އެޔޫނިއަނުން ފާހަގަކުރިއެވެ. މީގެއިތުރުން އިތުރުން އެޔޫނިއަނުން ކަންބޮޑު ވަނީ ޓެކްސީ ޑުރައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ތަކެތި ހޯދާނެ ފައިސާ ޑުރައިވަރުންނަށް ނުލިބޭތީ ކަމަށް ބުނެފައިވެއެވެ. އެގޮތުން ސެނެޓައިޒަރާއި އަންގިއާއި މާސްކު ބޭނުންކުރަން އެޗްޕީއޭއިން ޓެކްސީ ޑުރައިވަރުންނަށް ދީފައިވާ އިރުޝާދުގައި ބުނެފައިވީ ނަމަވެސް އެތަކެތި އަގު ބޮޑުކަމުން ގަތުން ޑުރައިވަރުންނަށް ވެފައިވަނީ ވަރަށް ބޮޑު ބުރައަކަށް ކަމަށްވެސް އެ ޔޫނިއަން އިން ބުންޏެވެ.

ޓްރާންސްޕޯޓު ވޯރކާސް ޔޫނިއަނަކީ ޓެކްސީ ސެންޓަރުތަކުން ބައިވެރިވާ ޖަމްޢިއްޔާއެކެވެ. މިޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އިސްމާޢީލް އަޒްމީ މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިވަގުތު އެޔޫނިއަނުން މަސައްކަތްކުރަމުން ދަނީ ޑުރައިވަރުންގެ ދިރިއުޅުމުގެ ކަންކަމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް ކަމަށެވެ. ހަމައެހެންމެ އެ ޔޫނިއަން އިން މަސައްކަތް ކުރަމުން ދަނީ ޑުރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއާއި އަވަސްރައިޑާއި ފުލުހުންގެ އިތުރުން ޔޫނިއަނުން ގުޅިގެން މިހާރު ވަނީ ޑުރައިވަރުން މަސައްކަތްކުރުމުގައި ތަބާވާންވީ އެސްއޯޕީއެއް ތައްޔާރުކުރެވި އެއަށް ޢަމަލުކުރަން ފެށިފައެވެ. ޔޫނިއަނުން ބުނި ގޮތުގައި އެއީ މިހާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިހާރު އެކަމުގައި އެންމެ ބޮޑަށް މަސައްކަތްކުރަމުން ދަނީ ޑުރައިވަރުންނަށް އާމްދަނީއެއް ނުލިބިދާ މައްސަލައެއް ޙައްލެއް ހޯދުމަށް ކަމުގައި ޢަޒްމީ ވިދާޅުވިއެވެ. ޚާއްޞަކޮށް ކުރިޔަތް އޮތީ ރޯދަމަސް ކަމުން އަވަސް ޙައްލެއް މިކަމަށް ބޭނުންވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރިޢާޔަތްކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކެއް އެ ޔޫނިއަން އިން ފާހަގަކުރެއްވިއެވެ. އެގޮތުން ޑުރައިވަރުންނަށް ލޯނެއް ހަމަޖަހޭ ގޮތެއް ހައްދަވައިދެއްވުމަށް އެދިފައިވާނެ ކަމަށާއި ޑުރައިވަރުންގެ ރައްކާތެރިކަމަށް ބޭނުންވާ ސާމާނުތައް ޑުރައިވަރުންނަށް ލިބޭނެ ގޮތެއް ހެދުމަށްވެސް އެދިފައިވާނެ ކަމުގައި ޢަޒުމީ ވިދާޅުވިއެވެ.

މިހާރުވެސް މީހަކު ބަލިވެއްޖެނަމަ އެފަރާތެއް ހޮސްޕިޓަލަށް އުފުލަނީ ޑުރައިވަރުންކަން ފާހަގަކުރައްވާ އަޒްމީ ވިދާޅުވީ އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ލިބެންޖެހޭ ކަމަށެވެ. އަދި ޔޫނިއަނުން މަސައްކަތްކުރަމުން ދަނީ ސަރުކާރާއި ޑުރައިވަރުންނާއި ސެންޓަރުތައް ގުޅިގެން ޙައްލެއް ހޯދައިދިނުމަށް ކަމުގައިވެސް ޓްރާންސްޕޯޓު މަސައްކަތްތެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުނު

    ޕިކަޕު ޑުރައިވަރު ން މަތީ ން ހަދާ ން ނެތު ނީތޯ އެމީހު ންގެވާހަކަ ދައްކާ ބަޔަކު ނެ ތީތޯ

  2. މޮޔަ ހަސަނު

    އަޒުމީވެސް އިހިލާސްތެރިކަމެއް ހުރިއްޔާ އަޒުމީގެ ރަސަލްތެކްސީގެ ޑްރައިވަރުންނަށް ސެންޓަރުފީ ދެއްކުން މައާފްކޮށްދީބަލަ! ދަތުރުނެތްއިރު ކިހިނެތްތަ ސެންޓަރުފީ ދައްކާނީ! ފީނުދެއްކިއްޖިއްޔާމުން އަޒުމީމެން އަހަރުމެނަށް ދަތުރެއްނުދޭ! އަމިއްލަޔަށް އިސްތިހާރުވާން އަޒުމީ މުޅިންވެސް ކަރާފަޅާތަން މިފެންނަނީ !

  3. ސަމަރޭ

    ޝުކުރިއްޔާ!! ޔޫނިއަނަށް މަރުހަބާ

    1
    1
  4. ޜަރރރ

    ޓެކްސީތަކުން ރައްޔިތުންނަށް ޖެއްސުން ކުރި ދުވަސްތައް ހަނދާންކޮށްބަލަ ލިބޭ މިންވަރަށް ޝުކުރު ކުރާ ބައެއް ނޫން ތިއީކީ. ސަރުކާރުން އެއްވެސް ލޯނެއް ދޭނެ ކަމެއް ނެތް. ސަރުކާރުގެ ބަސްއަހާ ބަޔަކު ސަރުކާރުން ބަލަންވާނީ.