ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ކާގޯ ފްލައިޓު މެދުވެރިކޮށް އެ އެހީ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންނަށް، އެމީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެގޮތުން މިތަކެތި ލަންކާ އަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ޗާޓަރުކޮށްގެން ލަންކާ އަށް ދަތުރުކުރާ ކާގޯ ފްލައިޓެއްގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ އެކަންކަމާއި ގުޅޭ އިތުރު ތަފްސީލުތައް މާދަމާ ހާމަކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެކަން ސަރުކާރުން ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އަންނަ ހަފްތާގެ އާދީއްތަ ދުވަހު މޯލްޑިވިއަންގެ ކާގޯ ފްލައިޓު މެދުވެރިކޮށް ލަންކާގައި ހުންނަ ދިވެހި އާއިލާތަކަށް އެހީ ފޮނުވެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން އަންނަނީ ފަސް މަންޒިލަކަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުގެ މަތިން އިއްޔެ މޯލްޑިވިއަންގެ ކާގޯ ފްލައިޓު ވަނީ 10 ޓަނުގެ މުދާ ހިފައިގެން ލަންކާއިން ރާއްޖެ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ޝާހިދު ތިޔަވިދާޅުވާ ޢާއިލާގަމިވަގުތުއެބައޮތްތޯ އެފަރާތްތަކަށް އެހީތެރިކަންފޯރުކޮށްދެވޭފަދަ ތަނަވަސްކަމެއް އެފަދަޢާއިލާތްކުގެ ގިނަމެމްބަރުންނަކީ ރިސޯޓުތަކުގައި ވަޒީފާއަދާކުރާމީހުން އެމީހުންއެތިބީގޮތްހުސްވެފަ ޢާއިލާއެއްކޮށް ރާއްޖޭންބޭރައް ފޮނުވާލާފަ ރިސޯޓައް ދިރިއުޅުންބަދަލުކޮށްގެންތިބިއެތައްރައްޔިތަކުމިވަނީ ރިސޯޓުން ދަބަހައްއެތިކޮޅުއަޅާލައިގެން އުފަންރަށައް ދާންމަޖުބޫރުވެފަ މިފަދަވަގުތެއްގަ ކިހިނެއްތޯ ތިޔަވިދާޅުވާ ކާގޯ ފްލައިޓައް މުދާއަރުވާނީ

  2. އޮޅުވާލިކާޕްޓް

    ޝާހިދޫ މޮޔަނުގޮވާ، ރައްޔިތުންނަށް އޮޅުވާނުލާ. މޯލްޑިވިއަން އިން ނުވަތަ ކަނޑުބޯޓަކުން ލަންކާއަށް މުދާކޮޅެއް ފޮނުވަން ބޭނުން ކޮންމެ މީހަކަށް އެކަން ކުރެވޭގޮތަށް އޮތީ ކާގޯ އެކްސްޕޯޓް ޕްރޮސީޖަރގެ ދަށުން. މިއަކީ ސަރުކާރުން ހަމަޖެއްސިއަސް ނުޖެއްސިއަސް ކުރެވޭނޭކަންކަން. ޓޮއިލެޓްރޯލްން ކޮންމެވެސް ކަމެއްކުރެވޭތޯ ބަލާބަލަ.