ދިވެހިންގެ ހަށިގަނޑަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ނުޖެހުނު ކަމުގައި ވީނަމަވެސް ދިވެހިންގެ ދިރިއުޅުމަށް އެ ވައިރަސް ޖެހިއްޖެ ކަމަށް، މާލެ ސިޓީ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެނޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ދެންމެއަކު ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ ދިވެހިންގެ ހަށިގަޑަށް ކޮވިޑް-19 ނުޖެހުނު ނަމަވެސް ދިވެހިންގެ ދިރިއުޅުމަށް މި ވައިރަހުގެ އަސަރު ކުރަމުން ދާކަމަށާއި، ރާއްޖޭގެ މުޅި އިގްތިސާދު ހުއްޓުމަކަށް އައިސް ވަޒީފާތައް ގެއްލި ރައްޔިތުން މުޅިން ނާއުންމީދު ވެއްޖެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް އައި ބޮޑު ހީނަރުކަމާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުންގްރޮސް ޑޮމެސްޓިކް ޕްރޮފިޓް (ޖީޑީޕީ) ދަށަށް ދާކަން ސަރުކާރުން ކުރިން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކުރިން އަންދާޒާ ކޮށްފައި ވަނީ މިއަހަރުގެ ތެރޭގައި ޖީޑީޕީ 7.5 އިންސައްްތައިގައި ކުރިއަރާނެ ކަމަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު މިއަހަރުގެ ޖީޑީޕީ ކުރިއަށް އަރާނެ މިންވަރު މިހާރު ބެލެވެނީ 0.5 އިންސައްތަ އާއި -5.6 އިންސައްތަ އާއި ދެމެދުގެ އަދަދެއްގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މިކަމުގެ ސަބަބުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 2.1 ބިލިއަން ރުފިޔާ އާއި ނުވައެއް ބިލިއަން ރުފިޔާ އާއި ދެމެދުގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮސްފައެވެ.

އަލްހާންގެ ޓްވީޓުގައި، ވައިރަސް އާއި ގުޅިގެން އެކަމުގެ އަސަރު ދިވެހިންނަށް ކުރަމުންދާ ކަމަށް ވިދާޅުވެފައި ވާއިރު، ކޮވިޑް-19 ފެތުރެން ފެށުމާއެކު ގިނަ ބައެއްގެ ވަޒީފާ ދަނީ ގެއްލެމުންނެވެ. އެގޮތުން ހާއްސަކޮށް ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ވަޒީފާ ގެއްލުމާއި ނޯ ޕޭ ލީވް އަށް ފޮނުވާލުން ފަދަ ކަންކަން ތަކުރާރުވަމުން ދާތީ ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ސަރުކާރަށް ހުށަހަޅަމުންނެވެ. އަދި ކުދި ވިޔަފާރިތައް ހުއްޓުމަކަށް އަންނަ ކަންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ޖޮބް ސެންޓަރުގެ ހިދުމަތް ދޭން ފަށާފައެވެ. އެގޮތުން ވަޒީފަ ގެއްލޭ ފަރާތްތައް މޮނިޓަރ ކޮށް އެފަރާތްތަކަށް ތިން މަހާއި ހަމަޔަށް އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޗޯޓާ

    ޢަލްހާން ތިބުނީ ހަމަތެދު އަހަރުމެންގޭގެ ހިފާގެންގުޅޭސާމާނަށްވެސް ތިޔަ ވައިރަސްވަނީ ވަދެފަ.

  2. ުއުނދުޅި

    ވާނުވާނޭގޭ

    1
    1
  3. ހާލު

    ތިބުނީ ވަރަށް ރަންގަޅު ވާހަކައެއް ގޭގޭގެ ކުލި ދެއްކެން ނެއްހާލު މިފަހަރު އައި ބިލްތަށް އެހެރީ 30% ބޮޑުވެފަ

  4. ސިރާޖް

    މާ މޮޅަށް ވާހަކަ ދައްކާނެކަމެއް ނެތް އަލްހާން ކަމެޔެއްކަމަކު ....ތީ ހުރިހާ ޕާޓީތަކުން އެނބުރެމުން ސެބުރެމުން ދުވަމުންދާ މީހެއްކެއް އެއްވެސް އުރައްޕތެއް ހުރިމީހެއް ނޫން

    4
    2
  5. ބައިއެޅުނު

    ބަދަލުދޭ ނަމުގައި ރައްޔިތުންގެ ބައިތުލްމާލުން މިލިޔަން މިލިޔަނުން ފައިސާ ދޫނުކުރިނަމަ ހާލަތު މިދަރަޖައަކަށް ނުދާނެކަމަށް ބުނާމީހުން ވަރަށް ގިނަ.