މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާއްސަ ގާނޫނަކުން އެ އިންތިހާބު ފަސް ކޮށްފައިވާ ކަމަށާއި މީގެއިތުރުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާ ކަމަށެވެ.

އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެކަމުގެ ސަބަބުން ކުރިމަތިވާނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން މި ހާލަތުގައި [ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ހާލަތު] ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެންބަރުންނަށް ފާހަގަކުރެވޭ ކަމަށްވެސް އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވިއެވެ.

ގަފޫރު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ގާނޫނުއަސާސީގެ 95ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދެނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެތޯ ބެލުމަށް ކަމަށެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާކިހާ

    ޜައީސް ނަޝީދު ބޭނުންވީމަ ފަހުބަސް ބުނާތަނަކީ ސްޕްރީމްކޯޓް. ބޭނުން ނުވީމަ ކޯޓުގެ ހުރުމަތްވެސް ދުއްވާލަން އުޅުއްވަފާނެ. މީނަމީ ހަމަ އަރަތެއް. ވ. ދެރަ.
    ތިބޭފުޅާ މަޖިލީހުންހޯދާދޭން ވިދާޅުވަމުންއައި ފަރުވާކޮބައިތޯ . ސުންކު ނެގޭވަރުގެ ބޭފުޅުންނެތީތޯ. މަޖިލީހުގައި. ދަންނަވަންތޯ. ރައީސް
    އަތިރިމަތީ ހޮޅުއަށި އަނގަފަތަރާސީން ގޮވައިގެން ތިކަމެއްނުވާނެ. ދެއްތޯ.
    މަޖިލީހަށް ޢިލްމީފަރުވާބޭނުން.