ކުއްޔަށް ދީފައިވާ ތަންތަނުން މީހުންނެރުމަށް ނޯޓިސް ދޭން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލެއްގައި ހިމަނައިފިއެވެ.

މިގޮތަށް ހިމަނާފައި ވަނީ "އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލެއްގައެވެ.

މި ބިލުގައިވާ ގޮތުން، ކުއްޔަށް އުޅޭ މީހުން، ދަން ދޫކޮށް ދިއުމަށް ދެ މަސްދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމުކޮށްފައި ވެއެވެ. އަދި މިގޮތަށް ލާޒިމުކޮށްފައި ވަނީ، ކުއްޔަށްދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައިވާގޮތުން ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ނޯޓިސް ދިނުމަށްފަހު ތަނުން މީހުން ނެރޭގޮތަށް ހުށަހަޅާފައި ވަނީ، އެއްވެސް ފަރާތެއް މަގުމަތުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އޭގެ އިތުރުން، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ސަރުކާރުން ވިދާޅުވީ، މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް-19 އާއި ގުޅިގެން މެދުވެރިވެފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އޭގެ އިތުރުން ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކަމާއި ބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

މި ބިލު އެކުލަވާލާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖުތިމާއީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްސަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރޯދަ މުބާރިކް

    ޢޯކޭ! ޙުރިހާ ކަމެއް ގާނޫނަކާއި ޙަވާލު ކޮށްލީމާ ބޭބޭފުޅުން އަދާ ކުރަންޖެހޭ ޒިންމާ ޢަދާވީ ތާ ދެން!

    19
  2. ސައްލެ

    އަނބި ދަރީން މަގުމަތި ކޮއް ބަނޑައްޖައްސާ ބުޅާތަކެއްހެން ރައްޔިތުން އެއްލާލަނީ ތޯ.. ؟ މިއީ ނޫންތޯ އޯގާތެރިކަމަކީ. ބޮޑު މަހުޖަނުންނައް ބޮޑެތި ލޯނުގެ އެހީތައްދީފައި އާންމު ނިކަމެތި ރައްޔިތުން މަގުމަތިކުރަނީ ރައްޔިތުންނައް އޮތް އޯގާތެރިކަމެއްގެ ސަބަބުން ވާކަމެއްތާ. ރައީސުލް ޖުމްހޫރިއްޔާއޭ ކިޔާ މީހަކު އެބަ އުޅޭތަ.؟

    27
  3. ދުންތަރި

    ނިކަމެތި ރައްޔިތުން ނިކަމެތިވާނެ ހުރިހާކަމެއް ސަރުކާރުން ކުރާނެ އެހެންތާ ޥާނީ ރައްޔިތުން ދެބަންދިހާރަވެގެން ޤައުމުގެ ވެރިކަމާ މަޖިލީހާ ކައުންސިލްތައް އެމްޑީޕީއަށްވަނީ ވެދުމަށް އަރުވާފަ ރައްޔިތުންގެ ޙައްޤުތަށް ރަނގަޅަށް އެ ކަށަވަރުކޮށްދެނީ ދެން ކުރާނެކަމެއްނެތް އަމިއްލަޔަށް ފޭއްސި އިލޮށިގަނޑޫ އަމިއްލަ ލޮލަށް ހެރެނީ

    22
    1
  4. ކިނބޫ

    ތީގަ އޮތްގޮތުން ހީވަނީ ރައްޔިތުން މަގުމަގުމަތިކުރަން ހަދާފައޮތް ބިލެއްހެން.

    32
  5. ޝަހީބް

    އެމެރިކާގައި ހިނގަމުން އަންނަފަދަ ހަމަނުޖެހުންތަކެއް ނުހިނގަނީސް މިކަަހަލަ ލާއިންސާނީ އަމަލުތައް ސަރުކާރުން ހުއްޓާލުމައް ގޮވާލަން. މިހާރު ތިޔަ ކުރާކަމަކީ ހަމަ އަލިފާނައް ޕެޓްރޯލު އެޅުންފަދަ ކަމެއް..

  6. ހިޔާލު1

    ކުލިދެއްކެއްނެތް މީ ހުނަށް ދެއްވޭނެ އެ ހީތެރިކަމަކީ ވަގުތީ ހިޔާވަ ހިކަމާއި ކާންބޯން ދިނުންކަމަށްވާނަމަ ސަރުކާރަށާއި ރައްޔިތުމީ ހަށް ހަރަދު ކުޑަވެ ފައިދާ ބޮޑުވާނީ މި ހާލަތުގައި ކުލި ދެއްކުމަށް ވެދެވެންއޮތް އެހ ހީތެރިކަމެއް ސަރުކާރުންވެދެއްވުމެވެ. އެކަށީގެންވާ ކުއްޔެއްގެ 30 ނުވަތަ 10% ދެވުނަށް މެއެވެ.

  7. ޢެް

    ކުއްޔައްނޫޅެ އެންމެން ރަށަށް ދޭބަރ އޭރައްތިބޭނެ ކުއްޔައްދޭ ނީހުނައް ރާކަނި މަސް ކެވިފަ.

  8. ދިވެހި އޮރިޖިނަލް

    ތީގައި ޝަރުޠު ކުރަންޖެހޭނެ އެޑްވާންސްއަށް ކުއްޔަށް ދޭ ފަރާތަށް ކުއްޔަށް ހިފި ފަރާތުން ދޭ އެޑްވާންސް ފައިސާވެސް އަނބުރާ ދޭން. މާލޭގެ ގެދޮރު ކުއްޔަށްދޭ ވަރަށް ގިނަ މީހުން އެލާރި ނުދީ ހަރާންގޮތުގައި އެފައިސާ ބޭނުންކުރޭ. އަދި އެފައިސާ ދޭ ޝަރުޠުތަކުގެ ތެރޭގައި ދިރިއުޅުނު އެ ތަނަށް ގަސްތުގައި އެއްވެސް ގެއްލުމެއް ދީފައި ހުރެގެން ނުވާނެ. އެއީ ކުއްޔަށްދޭ ފަރާތުގެ ހައްޤުތަކަށްވެސް އިޙްތިރާމް ކުރުމުގެ ގޮތުން.
    ތިހެން ބަލާނުލާ ހަދާ ޤާނޫނުތައް އަލުން އިސްލާހު ކުރަންޖެހެނީ މިފަދަ ކަންތައްތަކަށް މެމްބަރުން ނުވިސްނާ ހަމައެކަނި އެންމެ ކަމަކަށް ފޯކަސްކޮށް ބިލް ހުށަހަޅައި އަމާކީތީ ފަރަށް ދާހެން ބިލްތައް ފާސްކުރާތީ. މިފަހަރުގެ ލޯކަލް ކައުންސިލް އިތިޚާބުގެ ބިލަށް މިވީ އެގޮތް.

  9. ޢަލީ

    މި ބިލުން ކުށްޔަށް ތަންތަން ހިފައިގެން ފަރާތްތަކަށް ލިބޭނެ ރައްކާތެރިކަމެއް ނުވިސްނޭ. އޭގެ ބަދަލުގައި ނޯޓިސް މުއްދަތުގެ ކުލިވެސް ޤާނޫނުގެ ބާރުވެރިކަމާއި އެކު ކުއްޔަށް ދޭފަރާތަށް ލިބިދެވޭނެ ފަދަ ގޮތެއް ހޯދައިދޭން އުޅޭކަމަށް ފެންނަނީ. އޭގެ ބަދަލުގައި ކުލި ކޮންޓްރޯލްކުރުން ނުވަތަ ކުއްޔަށް އުޅޭ ފަރާތުގެ އާމްދަނީ ދަށްވި ނިސްބަތަށް ބިނާކޮށް ވަގުތީ ގޮތުން ނަމަވެސް ކުލި ކުޑަކޮށްދޭން ބާރު އެޅުން ކީއްތޯ ވާނީ. މި އުޅެނީ މުސާރައިން 20 ޕަސެންޓް އުނިވިއިރު ކުލިން ލޯ ލާރިއެއްވެސް އުނިނުކޮށްދީގެން. އަދި މިވެސް ބޮޑެތި މުއްސަނދިން ގެ އަތުން.