މާލޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ ކުލި ކޮންޓްރީލް ކުރުމަކީ ވިޔަފާރީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މާލޭގައި ކުއްޔަށް ދޭތަންތަނުގެ ފެންވަރު ދަށްކަމުންނާއި އަދި ކުއްޔަށް ކުރަން ޖެހޭ ހޭދަ ބޮޑުވާތީ ސަރުކާރުން ކުލި ކޮންޓްރޯލް ކުރުމަށް ދޭތެރެދޭތެރެއިން އެކި ފަރާތްތަކުން ގޮވާލައެވެ.

"ސޯސަލް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސޯޝަލް ހައުސިންގެ ތެރެއިން ކުލީގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. "އެކަމަކު ޕްރައިވެޓް ސެކްޓާގައި ޕްރައިވެޓް ޕާޓީސްތައް އަމިއްލައަށް ލޯނު ނަގައިގެން ހަދާ ގެތަކުން ރެންޓް ކޮންޓްރޯލްކުރުމަކީ އެއީ މާކެޓް މެކޭނިޒަމްއާ ވަރަށް ހިލާފުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓުތައް މިހާރުވެސް ދެމުން އަންނަނީ ބޮޑު ސަބްސިޑީއަކާ އެކުގައި ކަމަށެވެ.

ކުލި ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ވެސް އެކިއެކި ބޭފުޅުން ވިދާޅުވެފައިވެއެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުލި ކޮންޓްރޯލް ކޮށްފިނަމަ އިޤުތިޞާދަށް ދެން ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގާނޫނަކުން ކުލި ކޮންޓްރޯލް ކުރުމަކީ ކުލީގެ މައްސަލަ އަށް އޮތް ހައްލެއް ނޫން ކަމަށް ވިދާޅުވެ ކުލި ކޮންޓްރޯލް ކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

އަށް ސަތޭކައަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ފަރާތުން ކުލި ކޮންޓްރޯލް ކުރަން ގޮވާލާ 2020 ވަނަ އަހަރުގެ މާޗް މަހު ރައްޔިތުން މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.

ގެދޮރު އިމާރާތް ކުރުމަކީ އަމިއްލަ ވިޔަފާރިއަކަށް ވާތީ، އެތަންތަނުގެ ކުލި ކަނޑައެޅުން ފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެހުށަހެޅުން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ކޮމެޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    ދެން މީހުން އަމިއްލައަށް ލޯން ނަގައިގެން ގަންނަ ކާރުން ކުރާ ދަތުރުގެ ފީގަ ހިފައިގަނެގެން އުޅެނީ ކޮން އުސޫލަކުން

    39
    1
    • ހުވަދޫ އަލިބެއްޔާ

      ވަރަށް ރަނގަޅު ވާހަކައެއް.. 150 އަށް ނޫނީ މާލޭގެ އެތެރޭގެ ދަތުރެއްވެސް ކުރާނެ ކަމެއް ނެތް. ހެހެހެހެހެ

  2. ރިއަލް

    އެހެންވީމަ އިންފިއުލޭށަން މަތި ވެގެން އެވާހަކަ ދައްކާނެ ކަމެއްނެއް..! މުދާ ގަންނަ މީހާ އެމުދާ ގަންނަނީ ސަރުކާރުން ލާރި ދީގެންތަ؟ އަމީރު މެން ކަހަލަ ކިޔަވާގެން ތިބޭ މީހުން ތިކަހަލަ ވާހަކަ ދެއްކީ މަ ވާނީ ޖޯކަކައް

    1
    2
  3. އައްބެ

    ބަންޑާރަ ބިމެއްގައި ހަދާ އިމާރާތަކުން ކުލި ނަގާނަމަ އޭތި ސަރުކާރަށް ކޮންޓްރޯލް ކުރެވެންވާނެ. އަމިއްލަކޮށްފައިވާ ބިމެއްގައި ހުންނަ އިމާރާތަކުން ނަގާކުއްޔާއި ނުބެހެވުނަސް.

    8
    2
  4. ރިލޭ

    ތިމާގެ ނެތްފެންވަރުން އުޅެންއާދަ ނުކުރުމަށްވުރެ ރަނގަޅު
    ގޮތެއް ނޯންނާނެ ،