މ. ކޮޅުފުށީގައި މޫދަށް ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 65 އަހަރުން މަތީގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައެވެ.

އެރަށުގައި މޫދަށް ގޮސް އުޅުނު މީހަކު ނިޔާވެގެން އުޅޭކަން އެރަށު ކައުންސިލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކޮޅުފުށި ކައުންސިލްގެ ރައީސް، ހުސެއިން ޝާމިލް ވިދާޅުވީ، ގެނބިގެން މީހަކު ނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 2:30 އެހާކަންހާއިރު ކަމަށާއި މި ހާދިސާގައި ނިޔާވެފައިވާ މީހާގެ އުމުރުން ގާތްގަނޑަކަށް 65 އަހަރު ވެދާނެ ކަމަށެވެ.

ޝާމިލް ވިދާޅުވީ، އޭނާގެ ހަށިގަނޑު ސިއްހާ މަރުކަޒަށް ގެންގޮސްފައިވަނީ އެތަނުގައި އެވަގުތު ތިބި ޒުވާނުންތަކެއް ކަމަށާއި، ސިއްހީ މަރުކަޒުން ވަނީ އޭނާ ނިޔާވެފައިވާ ކަން ކަށަވަރު ކޮށްދީފައި ކަމަށެވެ.

"ސިއްހީ މަރުކަޒުން ވަރަށް މަސައްކަތް ކުރި. އެހެން ނަމަވެސް މިހާރު ވަނީ ނިޔާވެފައިވާކަމަށް ބުނެފައި" ޝާމިލް ވިދާޅުވިއެވެ.

އޭނާ ނިޔާވަފައިވަނީ އަތިމައްޗަށް ގޮސްގެން އުޅެނިކޮށް، ވަރަށް ތިލަ ތަނަކަށް ގެނބިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ.