އައިޓީ ދާއިރާ ކުރިއަރާނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ލިބިގެންކަމަށާ، މި ސަރުކާރުގެ ވިސްނުމަކީ އެ ދާއިރާގައި އަމިއްލަ ކުންފުނިތަކަށް އޮތް ފުރުސަތު އިތުރުކޮށްދިނުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮމްނެޓުން ޤާއިމްކުރަމުންދާ ނޭޝަނަލް ސިންގަލް ވިންޑޯ އާއި "މަކުޑި"، ކެމިކަލް އިންފޮރމޭޝަން މެނޭޖްމެންޖް ސިސްޓަމް ގުޅުވާލުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ އައިޓީގެ ދާއިރާއަށް ވަރަށް މުހިންމު ތާރީޚީ ދުވަހެއް މިއަދަކީ. އެއީ ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ހަވާލުކުރެވި ސަރުކާރުގެ ފަރާތުން، އެންސީއައިޓީން ބަލަހައްޓާ ކޯޑް ބޭސް އޭގެ ޓްރެއިނިން އެންވައިރޮމެންޓްވެސް ހިމެނޭ ގޮތަށް ހަވާލުކުރެވުނީ. މިއީ ވަރަށް ބޮޑު ބަދަލެއް އަޅުގަނޑުމެން މިގެނައީ. ފާއިތުވި ތަނުގައި އަޅުގަނޑުމެން މަސައްކަތް ކުރަން ގެންދިޔަ ސިޔާސަތަށް ވަރަށް ބޮޑު ބަދަލެއް މިގެނައީ." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުގެ މުހިންމު އެޕްލިކޭޝަންތައް ބަލަހައްޓާފައި ވާނީ އެންސީއައިޓީން ކަމަށާއި، މި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ކުރިއަރާނީ އެ ފުރުސަތު ކުންފުނިތަކަށް ފަހިކޮށްދީގެން ކަމަށެވެ. އެ ފުރުސަތު މި ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށާ ކުރިއަށް އޮތްތަނުގައި އެފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް މަލީހު ފާހަގަކުރެއްވިއެވެ.

"އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކުރިއަށް ދެވޭނީ އެ ފުރުސަތު ފަހިކޮށްދީގެންނޭ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުސްތަގްބަލްގައި މިފަދަ އެޕްލިކޭޝަންތަކައި އެންސީ އައިޓީން ކުރެވޭ މުހިންމު މަސައްކަތްތައް އައުޓް ސޯސްކުރުމައި ބައެއް ކޮމްޕޯނެންޓްތައް އިންސޯސް ކުރުމާއި މި ދެކަންތައް ވެސް ކުރިއަށް ގެންދިއުން." މަލީހު ވިދާޅުވިއެވެ.

ސަރުކާރަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކުރުމަށް ވަސީލަތްތައް މަދުވުމުން ދަތިކަން ދިމާވާކަން އެންސީއައިޓީއިން ފާހަގަކުރައްވައެވެ. އަދި ކުރިއަށް އޮތްތަނުގައި މި ސޮފްޓްވެއަރ ޑެވެލޮޕްކުރ އިރު ގެންނަ ބަދަލުތަކުގެ ސަބަބުން އާއްމުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގައި ޑިފެންސް މިނިސްޓްރީން ކުރައްވާ މަސައްކަތްތައް ހަރުދަނާކުރެއްވުމުގެ ގޮތުން "މަކުޑި" މިނަމުގައި ޚާއްސަ ސޮފްޓްވެއަރއެއް އިފްތިތާޙުކުރީ 2016 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    ރަނުންރަނަށް ހޮޅި ވާހަކާ މީހެއް. ކުރަންބުނި އެއްވެސްކަމެއް ކޮށެއް ނުދެވުނު. މަލޙުގެ ވުޒާރާއިން ސަރުކާރުގެ ވައުދު ނުފުއްދޭ. އަނގައިން އިންޓަނެޓް އަގުހެޔޮކޮށްފި އެތައްފަހަރަކު. ފަހުން އޮޅިގެން ބުނެވުނު އެއްޗަކަށްވަނީ. ނުކުރެވޭހާ ފޮނި ވައުދުނުވެބަލަ. ޚިޔާލީ ވާހަކައިން ކުރެވޭނެކަމަކީ އިތުބާރުގެއްލުން. ޢަމަލުން ކޮއްބަލަ.

  2. ޢަހުމަދު

    ކޭމްގެ މައްޗައް އޮތް ނުފޫޒު ދިޔައީމަވެސް ރަނގަޅުވާނެ.