ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިތަކެތި ހަވާލުކޮށްފައި ވަނީ މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަކެތި ހެލްތް މިނިސްޓްރީއަށް ޙަވާލްކޮށްދެއްވީ ޑަބްލިވްއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

ޑަބްލިވްއެޗްއޯ އިން މިއަދު ރާއްޖެއަށް ހަވާލު ކުރި ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށްބޭނުންވާ ތަކެއްޗާއި 10،000 ޓެސްޓްކުރެވޭ ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިއަދު ޙަވާލުކުރެވުނު އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ޢަރުވިންދު މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ޞިއްޙީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓެމުން ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 29ވަނަ ދުވަހު ދިވެހިރާއްޖެއަށް "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް އެޖަމިއްޔާއިން ވަނީ ހަދިޔާކުރައްވާފައެވެ.